ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމުގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ތޮލާލް ވިދާޅުވީ ޕްރައިމަރީ އޮންނާނީ ހުކުރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށް ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީގައި ކުރިމަތިލެއްވި ފަސް ބޭފުޅުންވެސް ވާދަ ކުރައްވާނެކަމަށާއި އެ ފަސް ބޭފުޅުންވެސް ޝަރުތު ހަމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތޮލާލް ވިދާޅުވީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއި ގުރުއަތު ނެގުން މިރޭ ބާއްވާނެ ކަމަށެވެ.
އަދި ޕްރައިމަރީގައި ވޯޓުލާން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ޕީޕީއެމްގެ ދިއްގަރު ދާއިރާގެ ޕްރައިމަރީ އިއުލާންކުރި ދުވަހާ ހަމައަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ ރަތްމަންދޫ ނޫން އެ ދާއިރާގެ ހުރިހާ ރަށެއްގައި ބާއްވާގޮތަށް ވަނީ ނިންމާފަ އެވެ. އެ ޕާޓީން ބުނީ ރަތްމަންދޫގައި މީހުން މަދުކަމުން އެރަށު މެންބަރުން ވޯޓުލާނެ އެހެން އިންތިޒާމެއް ހަމަޖައްސާނެ ކަމަށެވެ.
ރަތްމަންދޫގެ އިތުރުން އެ ދާއިރާގައި ހިމެނެނީ، މ. ދިއްގަރާއި މަޑުއްވަރީ އަދި މުއްޔެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫނާއި މ. މުލަކު އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އިމްރާން އިސްމާއީލާއި މޫސާ ނަސީރު އަހުމަދު އަދި އެންވަޔަރަމެންޓް މިނިސްޓަރުގެ ނައިބު، މުހައްމަދު ހާނިމެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން ހަ ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އަވަސްކޮށްފަ އެވެ.
އެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރުުމުންނެވެ.
ޕީޕީއެމްގެ ދިއްގަރު ދާއިރާގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ