ބުރިޖު މެދުވެރިކޮށް މާލެ-ހުޅުމާލެ ކަރަންޓް އިން ގުޅާލުމުގެ މަސައްކަތް އަންނަ މަހު ފަށަނީ
ބުރިޖު މެދުވެރިކޮށް މާލެ-ހުޅުމާލެ ކަރަންޓް ގުޅާލުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.މާލެއާއި ހުޅުމާލޭގެ ކަރަންޓް އެއްވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ހައިވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތްތައް އަންނަ މަސް ތެރޭގައި ފަށާއިރު، އެ ޕްރޮޖެކްޓްގެ އަމަލީ ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ޤާއިމްކުރާ ބޮޑު އިންޖީނުގޭގެ މަސައްކަތްތައް ނިންމާ، މާލެއަށް ކަރަންޓް ފޯރުކޮށްދޭއިރު، ބުރިޖު މެދުވެރިކޮށް އެޅޭ ހައިވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތްތައްވެސް އަންނަ މަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި ސްޓެލްކޯ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ނަމުގައި ހިންގާ ބޮޑު އިންޖީނުގޭގެ މަސައްކަތުގެ ތެރެއިން، އެ ނެޓްވޯކު މެދުވެރިކޮށް ހުޅުލެއަށް ކަރަންޓް ބޭނުންވެއްޖެ ހާލަތެއްގައި ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށާ، ބުރިޖުގައި އެޅިގެންދާ ނެޓްވޯކުގެ ސަބަބުން، މާލެއަށް ކަރަންޓް ބޭނުންވެއްޖެ ހާލަަތެއްގައި މާލެ އަށް ވެސް ކަރަންޓް ފޯރުކޮށްދެވިގެން ދާނެ ކަަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އެ ކުންފުނިން ބުނީ އަންނަ އަހަރުގެ ފެބުރުއަރީ މަސް ތެރޭގައި ފިފްތް ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ، ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. ނަމަވެސް އެ ކޭބަލް މެދުވެރިކޮށް މާލެއަށް ކަރަންޓް ލިބޭނީ އަންނަ އަހަރުގެ ޖޫން ހިސާބުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނުން. މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލުމުގެ މަޝްރޫއު އަކީ އިޢާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރެއްވުމާއި، ޑީސަލުން ކަރަންޓް އުފައްދާ ނިޒާމްތަކުގެ އެފިޝަންސީ އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން އަޅުއްވާ މުހިއްމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ