އެމްޑީޕީ ނުހިމެނޭ ގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނުހިމެނޭ ގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.
އިސީ ގެ ސްޕޯކްސް ޕާރސަން އަހުމަދު އަކްރަމް މިއަދު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މީޑިޔާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، 10،000 މީހުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށާއި އެގޮތުން އެމްޑީޕީން މިހާތަނަށް އަދި އެ ދެރިޕޯޓުން ކުރެ ރިޕޯޓެއް ހުށަހަޅާފައި ނުވާތީ އެ ޕާޓީ ނުހިމެނޭ ގޮތަށް އެހެން ތިން ޕާޓީ އަކަށް މިއަހަރުގެ ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ ޖުމްލަ 3 ޕާޓިން އަކުންނެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް |(ޕީޕީއެމް) އާ މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ.
24،000 މިލިއަން ގެ ބަޖެޓެއްގެ ދަށުން ސިޔާސީ ޕާޓިތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، އަކްރަމް ވިދާޅުވީ އަދިވެސް އެމްޑީޕީއަށް އެ ފުރުޞަތު ނުގެއްލޭ ކަމަށާ އީސީ އަށް މުއްދަތެއް ދިނުމަށްފަހު އެ ރިޕޯޓުތައް ހުށަހެޅުމުން އެމްޑީޕީއަށް ވެސް ފައިސާ ހަވާލުކުރެވޭނެ ކަމަށެވެ.
އީސީން އަބަދުވެސް މަސައްކަތް ކުރަނީ ޤާނޫނުގެ ތެރެއިން އޮންނަ މުއްދަތުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ޙަވާލުކުރަން ކަމަށާއި އެހެންނަމަވެސް މި ފަހަރު ލަސްވެގެން ދިޔައީ ޕާޓިތަކުން ރިޕޯޓުތައް ހުށަހެޅުމުގައި ލަސްވުމުން ކަމަށެވެ.
ރިޕޯޓްތައް ހުށަހެޅުމަށް ގާނޫނުގައި ބުނެފައި އޮންނަނީ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައެވެ. އަދި ތިން މަސް ގުނަނީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.
މި ފަހަރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ނިންމާފައިވަނީ 2017 ވަނަ އަހަހރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް 10،000 މީހުން ހަމަވާ ސިޔާސީ ޕާތީތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ