އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ އަގު ދަށްކުރުމަށް ދަނީ މަސައްކަތް ކުރަމުން - އެންވާރަމަންޓް މިނިސްޓަރ

އިއާދަކުރަނިވި ހަކަތަ އާ އެހެންވެސް ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓުގެ އަގުދަށްކޮށް، މާލެއާ އަތޮޅުތެރޭގެ ކަރަންޓުގެ އަގުގެ ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެންވާރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން، ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ތޯރިގް ވިދާޅުވީ، މާލެއާ އަތޮޅުތެރޭގެ ކަރަންޓުގެ އަގުގެ ފަރަގު ކުޑަކުރުމަށް ވަރަށް ބާރަށް މަސައްކަތް ކުރެވެމުންދާއިރު، އިއާދަކުރަނިވި ހަކަތައާ އެހެންވެސް ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓުގެ އަގު ދަށްކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމާ ގުޅިގެން ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހު ފިއުލް ސާޗާޖުގެ މިންވަރު ވަނީ އިތުރުވެފައެވެ. ސްޓެލްކޯއިން ކަރަންޓުގެ އަގަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަދަލު ގެނައިއިރު ޔުނިޓަކަށް ނަގަނީ 30 ލާރިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިގު ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް ދިނުމުގައި މާލެ އާއި ހުޅުމާލެ އަދި ވިލިނގިއްޔަކީ ވަކި ޓެރިފެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ރާއްޖޭގެ އެހެން ސަރަހައްދުތައް ވެސް ވަކި ޓެރިފެއްގެ ގޮތުގައި ފާއިތުވެދިޔަ ހަތަރު އަހަރެއްހައި ދުވަސްތެރޭގައި ހަމަޖައްސާފައިވާ ކަމަށެވެ.
"ރައީސް ޔާމީން ސަރުކާރާ ޙަވާލުވެ ވަޑައިގެންނެވިއިރު، ރާއްޖޭގައި މާލެއާ ލައިގެން ހަ ޓެރިފެއް ރާއްޖޭގެ އެކިތަންތަނުގައި އޮތް. ނަމަވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްގެން މިހާރު ވަނީ މާލެ އޭރިއާގެ އެއް ޓެރިފެއް. ރާއްޖޭގެ އެހެން ސަރަހައްދު ތަކަކީ އެއްޓެރިފަކަށް އާދެވިފައި،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރު އަމާޒު ހުރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުން ކުރާ ހަކަތައިގެ 30 އިންސައްތައަކީ އިއާދަ ކުރެނިވި ހަކަތައައް ހެދުން ކަމުގައިވާއިރު، އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން އިއާދަ ކުރެނެވި ހަކަތައިގެ މަސައްތަކް ހއ އަދި ހދ އަތޮޅުގައި ފެށުމަށް ބަޔަކަށް ހަވާލުކުރެވިފައިވާ ކަމަށާއި އަދި ކައިރު މުސްތަގުބަލެއްގައި ށ. އަތޮޅުގައި ވެސް އެ މަސައްކަތް ފެށިގެން ދާނެ ކަމަށް މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ