ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް، އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި އެސްޓީއޯ އިން ކޯސްތަކެއް ފެށުމަށް ނިންމާ، އެކަމަށް އެއްބަސްވެއްޖެ އެވެ.
އެކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދެވެ. އަދި ޖީއީ ހެލްތު ކެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމާ އެންގޭޖްމަންޓްގެ މި ސަރަހައްދުގެ ހެޑް، މަރޫތު ސެތިއާ އެވެ.
އެ ރަސްމިއްޔާތުގައި މިހާދު ވިދާޅުވީ، އެސްޓީއޯ އަކީ މުހިއްމު ތަނެއް ކަމަށާއި ގިނަަ ރައްޔިތުން އިތުބާރުކުރާ ތަނެއް ކަމަށެވެ. އަދި އެސްޓީއޯ އިން ފޯރުކޮށްދޭ ކޮންމެ ޚިދުމަތެއް ވެސް ފުރިހަމަ ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާ އަދި ރާއްޖޭގައި ރަނގަޅު ފެންވަރުގެ އިކުއިޕްމަންޓް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ކުދިން ޓްރެއިން ކުރުވަން އެބަޖެހޭ ކަމަށާ ކުދިން ޓްރެއިން ކުރުމަށް ޖީއީ އާ އެއްބަސް ވަނީވެސް ފަންނުވެރިން ބޭނުންވާތީ ކަމަށެވެ.
ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން، އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރ އެޗްއާރް އެޑްމިން ބީޑީ، ފާތުމަތު އާޝަން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ އާއިލާ ކައިރީ ތިބެގެން ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އާޝަން ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ކޯސްތަކަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށާއި ޕްރޮގްރާމްތައް ފަށައިގަންނައިރު 25 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށެވެ.
"ފުރަތަމަ ގެންދާނީ ރޭޑިއޮލޮޖިސްޓުން ތަމްރީން ކުރުމާއި ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް. މި ކޯސްތަަކަކީ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ،" އާޝަން ވިދާޅުވި އެވެ.
ޖީއީ ހެލްތުކެއާ އަކީ، އޭވިއޭޝަން، ރިނިއުބަލް އެނާޖީ، ވެންޗަރ ކެޕިޓަލް އެންޑް ފައިނޭންސް ފަދަ ގިނަ ދާއިރާތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ޖެނެރަލް އިލެކްޓްރިކް (ޖީއީ) ސަބްސިޑަރީ ކުންފުންޏެކެވެ.
ޖީއީ ހެލްތުކެއާ އާއި އެސްޓީއޯ ގުޅިގެން ޞިއްޙީ ދާއިރާގެ ކޯސްތަކެއް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ