ދިވެހި ސަލާމަތީ ބާރުތަކާ ބެހޭގޮތުން ނަޝީދު ދެއްކެވި ވާހަކަތަށް ގާސިމް ކުއްވެރިކޮށްފި

ދިވެހި ފުލުހުންގެ ތެރޭގައި ސީރިއާ އާއި އިރާޤުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައިސްފައިވާ އައިއެސްގެ ހަނގުރާމަވެރިން ތިބި ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެެއްގަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސީރިއާއާއި އިރާގުގައި ހަނގުރާމަކުރުމަށް ދާ ބައެއް މީހުން އެނބުރި ރާއްޖެ އައިސް، ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސްއާއި އިމިގްރޭޝަނުގައި މަސައްކަތް ކުރަމުންދާ ކަމުގައެވެ.
މިކަމާގުޅިގެން ގާސިމް ރޭ ވިދާޅުވީ ފުލުހުންގެ ތެރޭގައި ޓެރެރިސްޓުން ތިބި ކަމަށް ބުނެ ނަޝީދު ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.
"މަނިކުފާނު އެ ހެއްދެވީ ވަރަށް ބޮޑު ގޯހެއް. އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ގައުމުގެ އިސްތިގްލާލަށާއި މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް"
ގާސިމް ވިދާޅުވީ ނަޝީދު އެ ދެއްކެވި ވާހަކައިގެ ސަބަބުން ގައުމުގެ އިހްތިރާމަށް ވަރަށް ބޮޑަށް ގެއްލުން ލިބިދާނެ ކަމަށެވެ.
މީގެ އިތުރުން މިލިޓަރީ ފަރާތްތަކުން ރާއްޖެ އައުމަށް ރައީސް ނަޝީދު ގޮވާލާފައިވާތީ އެކަން ވެސް ކުށްވެރިކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެއްވެސް ހާލެއްގައި ބޭރުގެ ހަތިޔާރު އެޅި ފަރާތްތަކުން ރާއްޖެ އެރުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން މިކަންކަން ހަމަމަގަށް އަޅުވައި ދޭނެކަމަށެވެ.
"މިހާރުވެސް ފެންނަނީ ވެސް ހަމަމަގަށް އަޅުވައިދީފަ ހުރިތަން މީގެ ކުރީގައި ވެސް އަދި ފަހުން ވެސް. އަދި މާދަމާ ވެސް އެބޭފުޅުން ހަމަމަގަށް އަޅުއްވައިދެއްވާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރު މުއައްސަސާގައި ތިއްބެވީ ސަތޭކަ ޕަސެންޓް ދިވެހިން ކަމަށާއި އެއްވެސް ފަރާތަކުން އެ މުއައްސަސާތަކުގެ އަގުވައްޓޭ ގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމުގައެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅު ދޮގުކޮށް ފުލުހުން ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވަނީ ފުލުހުންނަކީ ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ކަމާއެކު ހިދުމަތް ދެމުން އަންނަ މުއައްސަސާއެއް ކަމަށާއި ފުލުހުންނާއި ގުޅޭގޮތުން އެފަދަ ވާހަކަތައް ނުފެތުރުމަށް ގޮވާލާކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ