2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޑރ.ޝިހާމް އިއުލާންކުރައްވައިފި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ޝިހާމް ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި އަދި މި ނިންމުން އިރާދަކުރެވިއްޔާ ބަދަލެއް ނުވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ސިޔާސީ ބޭފުޅުން ފެއިލްވެ ގައުމުގެ އެއްބައިވަންތަކަށް ގެއްލުމާއި ގުޅިގެން ކަމަށް ޝިހާމް ވިދާޅުވި އެވެ. ސިޔާސީ ޕާޓީ ހަދައިގެން  ގުޅުންތައް ބައިބައިވެ ގުޅުންތައް ކެނޑި އެކަކު އަނެކެއްގެ ލޯބި ގެއްލި އަހުލާގު ގޯސްވެފައިވާ ކަމަށާއި އޭނާގެ މަގްސަދަކީ އެންމެންވެސް އެއްބައިވަންތަ ކުރުވުން ކަމަށްވެސް ޝިހާމް ވިދާޅުވި އެވެ.
ސަރުކާރުގެ ހިދުމަތާއި ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން އޭނާއަކީ  ސިޔާސީ މީހެއް ކަމަށާއި އެހެންކަމުން ވެރިކަމަށް ކުރިމަތިލާއިރު ވަކި ބަޔަކާއި މަޝްވަރާ ކުރަން ޖެހިވަޑައިނުގަންނަވާ ނެ ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.
"އިންތިހާބަށް ނިކުތުމަށް ނިންމީ ގައުމުގެ ހާލަތު އޮތް ގޮތުން" ޝިހާމް ވިދާޅުވި އެވެ.
ޝިހާމް ގާނޫނީ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީންނެވެ. އެ ޔުނިވަސިޓީން، ކޮމްޕެރޭޓިވް ލޯ އިން މާސްޓާސް ހެއްދެވުމުގެ އިތުރުން އޮސްޓްރޭލިއާގައި ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި އެވެ.
އިސްލާމިކް ބޭންކިން އާއި އިސްލާމިކް އިންޝުއަރެންސް (ތަކާފުލް)ގެ ދާއިރާ އިން ހާއްސަވެވަޑައިގެންފައިވާ ޝިހާމް އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާ ރާއްޖެ އަށް ތައާރަފްކުރުމުގެ މަރުހަލާގައި، 2008 އިން 2010 އަށް އެމްއެމްއޭ އަށް ލަފާދެއްވުމުގައި ވެސް ޝިހާމްއަކީ އުޅުއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ