ގަލަމް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ނަމުގައި ވިލިމާލޭ ޕްރީ ސްކޫލް ހިންގަމުން ދަނިކޮށް، އެތަން އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުގެ އަތުން އެތަން އަތުލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ގަލަމް ސްކޫލު ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑާއި އެ ކުންފުންޏާ ދެމެދު 2013 ވަނަ އަހަރު ވަނީ ސޮއި ކޮށްފަ އެވެ. ނަމަވެސް މި އެއްބަސްވުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީން ވަނީ އުވާލާފަ އެވެ.
އެއްބަސްވުން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ނިންމުމަށްފަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ރަޖިސްޓްރީ ބާތިލް ކުރި ކުރުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ހާލަތެއް މެދުވެރިވެގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެޑިއު އޮޕްޝަންސް އިން އެ ސްކޫލު ހިންގުމުގައި މިހާތަނަށް އަމަލުކޮށްފައި ވަނީ އެޑިއުކޭޝަނުން އެންގި ގޮތަށް ކަމަށާއި އެ ގޮތުން، ސްކޫލު މެނޭޖްމެންޓުގެ ފަރާތުން ރަނގަޅުކޮށް އިސްލާހު ކުރަން ޖެހޭ ކަންތައްތައް ތަންފީޒު ކުރަމުންދާ ގޮތުގެ ޕްލޭނެއް އެ މިނިސްޓްރީ އަށް ފޮނުވުމަށް އެންގުމުން އެ ޕްލޭން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެޑިއު އޮޕްޝަންސްގެ ފަރާތުން އެކަށައެޅި ޕްލޭނަށް މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށާއި އެއްބަސްވުން އުވާލާފައިވަނީ އެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒު ކުރަމުން ދޭތޯ އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެޑިއު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަކީ ބާތިލްނުވެ ހިނގަމުންދާ އެއްޗެއް ކަމުގައި ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް މި ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
ވިލިމާލޭ ޕްރީ ސްކޫލް އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ