ޕްރައިމަރީއަކާއި ނުލާ މަޑުއްވަރީ ދާއިރާގެ އެމްޑީޕީ ޓިކެޓް ވިސާމަށް

އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޓިކެޓު މިހާރު ވެސް އެ ދާއިރާ ފުރުއްވަމުން ގެންދަވާ މެންބަރު ވިސާމް އަލީ އަށް ލިބިވަޑައިގެންފި އެވެ.
ވިސާމް އެގޮނޑިއަށް އިންތިހާބުވެވަޑައިގެންފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ޓިކެޓުގައި އެވެ. އެހެންނަމަވެސް ވިސާމް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެމްޑީޕީ އަށް ސޮއިކުރައްވާފައެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވިސާމަށް ޓިކެޓު ލިބުނީ އެ ދާއިރާގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި އާދަމް ޝިހާމް ނަން އަނބުރާ ގެންދެވުމުން ކަމަށެވެ. އެހެންކަމުން އެދާއިރާއަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީ ވިސާމް ކަމަށް ވާތީ އޭނާ އަށް ޓިކެޓް ދިނީ ކަމަށް އެ ޕާޓީން ބުންޏެވެ.
ޕްރައިމަރީއަކާ ނުލައި ވިސާމްގެ އިތުރުން ވެސް ބައެއް މެމްބަރުންނަށް ޓިކެޓް މީގެކުރިން ވަނީ ކަށަވަރުވެފައެވެ. އެއީ ހެންވޭރު މެދު ދާއިރާ އަށް އަލީ އާޒިމާއި ގަލޮޅު އުތުރު ދާއިރާ އަށް އީވާ އަބްދުﷲގެ އިތުރުން މާފަންނު އުތުރު ދާއިރާ އަށް އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
ރައްޔިތުންގެ މަޖްލިސް އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ ތެރޭގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ