ރާއްޖޭގައި އޮންނަންވަނީ އިންތިގާލީ ސަރުކާރެކޭ ބުނެ ބޭރުގެ ފަރާތްތަކަށް އެވާހަކަދެއްކިޔަ ދީގެން ނުވާނެ ކަމަށާއި އެވާހަކަތައް ރައްޔިތުން އަޑުއަހައިގެން ވެސް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމަށް ތާއީދުކުރި ސިޔާސީ ޕާޓީތަކާއި ސިޔާސީ އެކި އެކި ޝަހްސިއްޔަތުންނާއިއެކު ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޒަމާނުއްސުރެ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ކާބަފައިން އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި މަތިވެރި ޖިހާދުތަކަކާއި ގުރުބާނީތަކެއްވެފައިވާ ކަމަށެވެ.
އެހެންކަމުން މިނިވަންކަމުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެ ކަމަށާއި ބޭރު މީހުން ދައްކާ ވާހަކައިގެ ދަޅައިގައި ޖެހިގެން ގައުމުގެ ކަންތައްތަކާއި ބައްސައިގެން ނުވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންނަމަވެސް ބޭރުގައުމުތަކާއި އެކުވެރި ރަހްމަތްތެރި ގުޅުމެއް އޮންނަން ޖެހޭނެ ކަމަށާއި ހާއްސަކޮށް މިޒަމާނަކީ ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރާ ޒަމާނަކަށްވާތީ އެ ރަހްމަތްތެރިކަން އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންނަމަވެސް އެމީހުން، އަޅުގަނޑުމެންގެ ކަންތައްތަކާއި ބައްސައިގެން ނުވާނެ، އަޅުގަނޑުމެންގެ ކަންތައްތައް ނިންމާ ބަޔަކަށްވާން ޖޭހޭނީ ހަމަ އަޅުގަނޑުމެން، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު އަބަދުވެސް ދަމަހައްޓަން ޖެހޭނެ، އެއާއި ދެކޮޅަށް އެއްވެސް މީހަކު ކުރާ ކަމަކަށް ތާއީދުކޮށްގެނެއް ނުވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރާއްޖޭގައި އިންތިހާބު އޮންނަންވާނީ މިވެނި ދުވަހަކުންނޭ، އޭގެކުރިން އޮންނަން ޖެހޭނީ އިންތިގާލީ ނުވަތަ ވަގުތީ ސަރުކާރެކޭ، ނުވަތަ މިވެނި ގޮތަކަށޭ، ކަންތައް ކުރަން ޖެހޭނީ، މިވާހަކަ ދެއްކިޔަ ދީގެނެއް ނުވާނެ، އަޅުގަނޑުމެން މިވާހަކަ އަޑުއަހައިގެން ނުވާނެ، މިއީ އަޅުގަނޑުމެންގެ ކަންތައްތަކާއި ބެއްސުން، އެއްގޮތަކަށް ވެސް އެކަން ކޮށްގެން ނުވާނެ." މައުމޫން އިތުރަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ ސުޕްރީމް ކޯޓުން މިހާރު އޮތް ވެރިކަން ރައީސަކު އިންތިހާބު ކުރެވެންދެން ދެމި އޮންނާނެ ކަމަށް އަމުރުކޮށްފައިވާތީ އެ އަމުރާއި އެއްގޮތަށް ރައީސް ވަހީދު ވެރިކަމުގައި ހުންނެވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.
އިންތިގާލީ ސަރުކާރެއް އެކުލަވާލަން ބުނާ ވާހަކަ އަޑުއަހައިގެން ނުވާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ