ރާއްޖޭގެ ވެށި އަމާންކުރުމަށް އެންމެން އެކަތިގަޑަކަށް ވުމަށް ގާސިމް ގޮވާލައްވައިފި

ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ޖަރުމަނު ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެން މީޑިއާއަށް މިއަދު ހެނދުނު ދެއްވި ބަސްދީގަތުމުގައި ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާކަމަށާއި މީހުން މެރުން އާއްމު ވެފައިވާކަމަށެވެ. އަދި ވަކިބަޔަކު ހަގީގަތާ ޚިލާފު ދޮގުވާހަކަތައް ފަތުރައި އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުން ގެންދާއިރު އެފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރާއްޖެއަކީ އަމާންތަނަކަށް ހެދުމަށް ބުރަމަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި މިގައުމަކީ އަމާންތަނެއްގެ ގޮތުގައި އަންނައޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އަޒުމުގައި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މާދަމާވެސް ގައުމުގެ މިހާލަތު ބަދަލުކުރެވިދާނެ ކަމަށެވެ. އެމްޑީޕީން އަމަލުކުރަމުންދާ ގޮތުން ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ކިލަނބުވެ ގައުމަށް އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުންތައް ލިބެމުންދާކަމަށާއި ދިވެހިރާއްޖެއަކީ އިގްތިސާދީ ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި އަމާކަން ދެމެހެއްޓުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއްކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުގައި މަހެއްހާ ދުވަހު ހުންނެވި އިރު އެމަނިކުފާނާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާފައިވާތީ ގާސިމް މިއަދު ވަނީ އެމަނިކުފާނުގެ ދަތުރުފުޅުގެ ކަންކަމުގެ ތަފްސީލް އާއްމުންނަށް އޮޅުންފިލުވައި ދެއްވައި އެމައުލޫމާތު މީޑިއާއާއި ހިއްސާ ކުރައްވާފައެވެ. މިގޮތުން ޖަރުމަނުވިލާތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއެކު ކުރެއްވި ދަތުރުފުޅަށްފަހު ބޭސްފަރުވާއަކަށް މަޑުކޮށްލެއްވީ ސައިނަސް އޮޕަރޭޝަނެއް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ