ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވިނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބުރުން އިންތިހާބު ކާމިޔާބުކުރެއްވީސް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން އެޕާޓީގެ މައި ޖަގަހަ ކަމުގައިވާ މ.ކުނޫޒުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވިނަމަ ނަޝީދު ވެރިކަމަށް އައިސް އިސްލާމް ދީނާއި ގައުމާއި މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ދާނެ ކަމަށެވެ.
"މިފަހަރު ވެސް އަޅުގަނޑު ނުނިކުތްނަމަ ފުރަތަމަ ބުރުން، އެބުނާ އެއްބުރުން ކާމިޔާބުކުރީސްކަން ތިޔަބޭފުޅުން ހެކިވާނެ، އަޅުގަނޑަށް ޔަގީން އަޅުގަނޑު މިދަންނަވާ އެއްޗެއް ގަބޫލުފުޅުކުރައްވާނެ ކަން، އަޅުގަނޑު، ޖުމްހޫރީ ޕާޓީން ނުނިކުތްނަމަ އެއްފަހަރުން އެ ވިދާޅުވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކާމިޔާބުކުރީސްކަން (ކަށަވަރު) ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ނަޝީދު ވެރިކަމަށް ގެނައުމަށް 2008 ވަނަ އަހަރުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ނަމަވެސް އެކަމުގެ އަގު ވަޒަންކޮށްފައިނުވާ ކަމަށާއި ނަމަވެސް ރައީސް ޔާމީން އެފަދަ ގޯހެއް ނުހައްދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި ރައީސް މައުމޫން ފަދަ ތަޖުރިބާކާރު ބޭފުޅަކު ޔާމީން އަރިހުގައި ހުންނަވާހާ ދުވަހަކު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ގައުމު ތަރައްގީކުރަން އެދޭނަމަ ފައިސާއަށް ހެއްލިގެން އެއްވެސް އިންތިހާބެއްގައި ވަކި މީހަކަށް ވޯޓް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި ރައްޔިތުން ބޭނުންވާ މަންޒިލް މަގުސޫދަށް ވާސިލްވެވޭނީ ކުރިއަށް އޮތް އިންތިހާބުތަކުގައި ފައިސާއަށް ނުހެއްލި ގައުމުގެ ތަރައްގީއަށް މަސައްކަތްކޮށްދޭނެ ހަރުދަނާ ބަޔަކަށް މަގާމްތައް ހަވާލްކޮށްގެން ކަމަށެވެ.
އަދި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ފައިސާ ދޭ މީހުންނަށް ވޯޓްދީގެން އެކަން ނުކުރެވޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވިޔަސް އެ ޕާޓީ ނިދާފައި އޮންނަން ނުޖެހޭނެ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބު ކުރަން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
އަޅުގަނޑު ނުނިކުތް ނަމަ ނަޝީދު އެއްބުރުން އިންތިހާބު ކާމިޔާބުކުރީސް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ