ލީޑަރުކަމަށް ގާސިމް، ނައިބު ލީޑަރުންނަށް އިލްހާމް، ޑރ.ޑީޑީ، އަމީން، ޑރ.ހުސެން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުކަމަށް މިހާުވެސް އެމަގާމުގައި ހުންނެވި ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ހުންނެވުމަށް ޖޭޕީގެ ކޮންގުރެސްގައި ނެގި ފެންނަ ނުފެންނަ ވޯޓުން ފާސްކޮށްފިއެވެ.
ދަރުބާރުގޭގައި ބާއްވަމުންދާ ޖޭޕީގެ ދެވަނަ ކޮންގްރެސްގައި، ޕާޓީގެ ލީޑަރުކަމަށް ހަމައެކަނި ކުރިމަތިލެއްވެވީ ގާސިމް ކަމަށްވާތީ އެ މަގާމުގައި ގާސިމް ހުންނެވުމަށް ފެންނަ ކަމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި 94 މަންދޫބަކު ވޯޓް ދިންއިރު، ގާސިމާ ދެކޮޅަށް ވޯޓްދިނީ އެންމެ މަންދޫބެކެވެ.
ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރެއްވި ހަ ބޭފުޅުންގެ ތެރެއިން އެ މަގާމަށް ހޮވިވަޑައިގަތީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އެމްޑީޕީގެ ކުރީގެ ރައީސް އަދި ޖޭޕީގެ މިހާރުގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) އާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި ޑެޕިއުޓީ ލީޑަރުކަމުގައި މިހާރު ވެސް ހުންނެވި އަމީން އިބްރާހީމާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޑެޕިއުޓީ ލީޑަރުކަމުގައި މިހާރު ވެސް ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނެވެ.
ކޮންގްރެސްގައި ބައިވެރިވި 95 މަންދޫބުން ވޯޓް ދިން މި އިންތިހާބުގައި އިލްހާމަށް 81 ވޯޓް ލިބިވަޑައިގަތްއިރު، ޑރ. ޑީޑީއަށް ލިވަޑައިގަތީ 80 ވޯޓެވެ. އަމީނަށް 78 ވޯޓް ލިބިވަޑައިގެންނެވިއިރު، ޑރ. ހުސައިން ރަޝީދަށް ލިބިވަޑައިގަތީ 63 ވޯޓެވެ.
އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ފެނަކަ ކޯޕަރޭޝަނުގެ ބޯޑު މެންބަރު މޫސާ އަންވަރާއި އަބުދުﷲ އަމާންއެވެ. މޫސާ އަންވަރަށް ލިބިވަޑައިގެންނެވީ 38 ވޯޓެވެ. އަބްދުﷲ އަމާންއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.
ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާ އޮންނާނީ މިރޭ ދަރުބާރު ގޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ