ލޭގެ ކެންސަރު ޖެހިފައިވާ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށްވާ ޒަހާ ޒަރީރުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ކ.ގާފަރުގައިވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
"ވަގުތު"އަށް މައުލުމާތުދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުނު މީހަކު ބުނީ "ވަގުތު" ގައި ޒަހާއަށް އެހީތެރިވެދިނުމަށް ޝާއިރުކުރި، ރިޕޯޓާއި ގުޅިގެން، ޒަހާއަށް އެހީތެރިވުމުގެ ގޮތުން ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ބޭނުންވިކަމަށެވެ. އެގޮތުން ފަސް މީހަކު ގުޅިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަރަކާތުން 12000 ރުފިޔާ ވަނީ ލިބިފައެވެ.
އޭނާ ބުނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 4އިން 6 ގެ ނިޔަލަށް ކަމަށެވެ. އެއީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން 6:00 އަށް ކަމަށެވެ. އޭނާ ބުނީ މި ހަރަކާތުގެ ތެރެއިން ފަންޑް ފޮށި ހިފައިގެން އަލަށް ހިއްކި ސަރަހައްދަށާއި، ރެސްޓޯރެންޓާއި، ކެފޭތަކަށްވެސް ގޮސްފައި ވާނޭކަމަށެވެ. އަދި ގާފަރު ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށެވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ޒަހާއަށް އެހީވުމަށް ގާފަރުން ލިބުނު ފައިސާ ހަވާލުކުރަން ނިންމާފައި ވަނީ "ވަގުތު އެހީ'އާ ކަމަށެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ޒަހާ އެއްމަސް ދުވަސް ތެރޭގައި ބޯންމެރޯ ޓްރާންސްޕްލާންޓް ނުކޮށްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޖުމްލަ 750000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާ ބޭނުންވެއެވެ.
ޒަހާއަށް އެހީތެރިވުމަށްޓަކައި "ވަގުތު" ގައި ޒަހާގެ ހާލަތާއި ގުޅޭ ރިޕޯޓްތައް ޝާޢިއު ކުރަން ފެށުމުން ހެޔޮ އެދޭ ފަރާތްތަކުން 171751.76 (އެއްލައްކަ ހަތްދިހަ އެއްހާސް ހަތްސަތޭކަ ފަންސާސް އެއްރުފިޔާ ހަތްދިހަ ހަލާރި) ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އަދި މީގެ ކުރިން "ވަގުތު އެހީ" އިން ޒަހާގެ ކެމްޕެއިނުގެ ދަށުން ކަޕްކޭކް ވިއްކައިގެން ވަނީ 217605.19 (ދެލައްކަ ސަތާރަ ހާސް ހަސަތޭކަ ފަސްރުފިޔާ ނަވާރަ ލާރި) ހޯދާފައެވެ.
އެހެންކަމުން "ވަގުތު އެހީ" މެދުވެރިކޮށް ޒަހާ އަށް ލިބުނު ފައިސާގެ ޖުމްލަ އަދަދު މިހާރު ވަނީ 389356.95 (ތިންލައްކަ އަށްޑިހަ ނުވަހާސް ތިންސަތޭކަ ފަންސާސްހަރުފިޔާ ނުވަދިހަ ފަސްލާރި) އަށް އަރާފައެވެ.
ޒަހާގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެން އިތުރަށް ބޭނުންވަނީ 360643.05 ތިންލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސާޅީސް ތިންރުފިޔާ ފަސްލާރި) އެވެ.
ޒަހާ އަށް ފަރުވާ ހޯދުމަށް ބޭނުންވާ ފައިސާ ހޯދުމަށް "ވަގުތު އެހީ" އާއި ގުޅިގެން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. "ވަގުތު އެހީ" އާއި ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު އެހީ" ގެ ނަމްބަރު 7907173 އަށެވެ.
ޒަހާގެ ފަރުވާ އަށް ބޭނުންވާ ފައިސާ ހަމަކުރުމަށް "ވަގުތު އެހީ" އިން ފެށި ކެމްޕޭން ޒަހާގެ ފަރުވާ އަށް ބޭނުންވާ ފައިސާ ހަމަވަންދެން ކުރިއަށް ގެންދާނެއެވެ.
ޒަހާގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ގާފަރުގައި ވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ