ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން އަންގާރަ ދުވަހު

ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ހޯދުމަށް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިންމާލައި، ދެ ފަރާތުގެ ހުލާސާ ބަޔާން ވަނީ އިއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ މައްސަލަ ޝެޑިއުލް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 2:00 އަށެވެ.
ޕީޕީއެމްއިން މައްސަލަ ހުށަހެޅީ ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައި ތިބި ގިނަ ބަޔަކާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ނަންތަކާއި ބައެއް މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދީފައިނުވުމުން އެމައްސަލަ ހައްލުކޮށް އިންތިހާބު ބާއްވާ ދިނުމުގެ އަމުރަކަށް އެދުމަށެވެ.
އަދި އިންތިޚާބުގެ ސައްހަކަށް ގާއިމުކުރުމަށްޓަކައި ވޯޓު ކަރުދާސް ޗާޕްކުރާ މަރުހަލާގަ އާއި އެއްތަނުން އަނެއް ތަނަށް އުފުލުމުގަ އާއި ވޯޓުލައި ނިމިގެން އަނބުރާ އިލެކްޝަންސް ކޮމިޝަނަށް ގެންނަ މަރުހަލާގައި އޮޅުވާލުމެއް އަދި މަކަރާއި ހިލާތެއް ނެތްކަން ކަށަވަރުވާ މިންވަރަށް އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް ޕީޕީއެމުން އެދިފައިވެ އެވެ.
ޕީޕީއެމުން ބުނީ ދެވަނަ ބުރުގެ ވޯޓުލުން ހަތަރު ހަފުތާގެ މުއްދަތަށް ނުވަތަ އެއް މަސް ދުވަހަށް ފަސްކުރަން އެދުނު ނަމަވެސް މައްސަލަތައް 15 ދުވަސްތެރޭގައި ހައްލު ގެނެސްގެން ވިޔަސް އިންތިހާބު ބޭއްވި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.
ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވޯޓު ލިސްޓަކީ ސައްހަ އެއްޗެއްކަން ކަށަވަރުކުރުމަށްޓަކައި އެ ލިސްޓްތައް ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ކެންޑިޑޭޓުންގެ ސޮޔާއި އިނގިލީގެ ނިޝާން ޖެހުމާއި އަދި ވޯޓު ފޮށިތައް ކައިރީގައި އެ ލިސްޓް ނޫން އެހެން ލިސްޓެއް ނުގެންގުޅުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިދިނުމަށް ވެސް ޕީޕީއެމްއިން އެދިފައިވެ އެވެ.
ޕީޕީއެމުން ހުށަހެޅި މައްސަލަ ތާވަލްކޮށްފައިވާއިރު އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް ދިނުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލަ މާދަމާއަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ