އިޒްރޭލާއެކު ގުޅުން ބޭއްވުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް މައުމޫން ވިދާޅުވި : ވިކިލީކްސް

އިޒްރޭލާއެކު ގުޅުން ބޭއްވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި ޕާކިސްތާނުން އިޒްރޭލާއެކު އިސްވެ ގުޅުން ޤާއިމް ކޮށްފައިވާ އިރު ދިވެހިރާއްޖެއިން ފަހަތުގައި އޮންނަން ބޭނުންވެ ވަޑައި ނުގަންނަވާ ކަމަށް ރައީސް ޤައްޔޫމް ވިދާޅުވިކަން އޭރުގެ ފޮރިން މިނިސްޓަރ ޑރ އަޙްމަދު ޝަހީދު ފާހަނގަ ކުރައްވާ ފައިވާ ކަމަށް ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓަށް ފޮނުވާފައިވާ މެސެޖެއް ކަމަށް ބުނެ ވިކިލީކްސްއިން އާއްމު ކުރި ލިޔުމަކުން ހާމަ ވެއްޖެއެވެ.އެންމެ ފުރަތަމަ ކުދި ކުދި ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކުރަމުން އައިސް އިޒްރޭލާއެކު ރާއްޖެއިން ފުރިހަމަ ގުޅުމެއް ޤާއިމް ކުރުމަށް ސްރީލަންކާގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ރޮބަޓް ބްލޭކް އޭރު ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ ޝަހީދަށް ހިތްވަރު ދެއްވާފައިވާ ކަމަށް ވެސް ވިކިލީކްސް ގެ މި މެސެޖްގައި ވެއެވެ. ދެ ފަރާތުގެ ދެމެދުގައި މި ވާހަކަތައް ބަދަލު ކުރެވިފައިވަނީ 2007 ވަނަ އަހަރު ގެ ޖަނަވަރީ މަހު ޑރ ޝަހީދު ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ވެސް މި މެސެޖްގައިވެއެވެ.ވިކިލީކްސްގެ މި މެސެޖުން އިތުރަށް ހާމަވާ ގޮތުން އެމެރިކާގެ އެމްބެސެޑަރު ވަނީ އިންޑިއާގައި ހުންނަވާ އިޒްރޭލު އެމްބެސެޑަރ ޑޭވިޑް ޑެނިއެލީއާ ވެސް މަޝްވަރާ ކުރައްވާފައެވެ.ޑރ ޝަހީދު އެމެރިކާގެ އެމްބަސީ އަށް ދެއްވާފައިވާ މަޢުލޫމާތުކަމަށް ބުނެ މި މެސެޖަގައިވަނީ ސަރުކާރުން އިޒްރޭލާ ގުޅުން ޤާއިމް ކުރަން ބޭނުން ވިޔަސް ސަރުކާރުގެ ބައެއް ވަޒީރުން ވެސް އެކަމާ ދެކޮޅު ހައްދަވާ ކަމަށާއި މިކަން ވެގެންދާނީ ރައްޔިތުންނަށް ވަރަށް ސެންސެޓިވް މައްސަލައެއް ކަމަށެވެ.ވިކިލީކްސް ގެ މި މެސެޖްގައިވާ ގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހު އޭރު އޮތް ގޮތުން ރަސްމީ ސިފައެއްގައި އިޒްރޭލާއެކު ގުޅުން ޤާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ކުރުމަށް ދިވެހި ސަރުކާރު ބޭނުމެއް ނުވެއެވެ. މީގެ އިތުރުން ވެސް ޑރ ޝަހީދަކީ މޮޑެރޭޓް އަދި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ފައިދާތައް ވިސްނި ވަޑައިގަންނަވާނެ ބޭފުޅެއްކަމަށް ވިދާޅުވެ ޑރ ޝަހީދަށް ތަޢުރީފް ކުރައްވާފައިވެއެވެ. އަދި އިޒްރޭލާއެކު ސިއްރު ގުޅުންތައް ބޭއްވުމުގައި މައުމޫންގެ ތާއިދު ޑރ ޝަހީދަށް ލިބިވަޑައިގަންނަވާ ކަމަށް ވެސް މި ލިޔުމުގައި ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ