ވަޒީފާ އަދާކުރަމުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާގޮތުގައި މިއަދު ހުޅުވާލި މި ފުރުސަތުގެ ދަށުން ޝަރުތުހަމަވާ 101 ފަރާތަކަށް މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ވޭތުވެ ދެ އަހަރު މެދުނުކެނޑި ސަރުކާރު ސްކޫލެއްގައި ހިދުމަތްކުރަމުންދާ މުވައްޒަފުންގެ އިތުރުން ދެން މިފުރުސަތަށް ކުރިމަތިލެވެނީ މިހާރު ކޯސް ފުރިހަމަ ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ކޯހުގައި ބައިވެރިވިއިރު ތައުލީމީ ދާއިރާގައި މެދުނުކެނޑި ދެ އަހަރު އުޅެފައިވާ ފަރާތްތަކަށެވެ.
މިނިސްޓްރީން ބުނީ މިފުރުސަތުގެ ދަށުން އެންމެ އިސްކަންދޭ ފަރާތްތަކަކީ ތައުލީމީ ދާއިރާއަށް މުވައްޒިފުން ލިބުން ދަތި ރަށްރަށާއި މުވައްޒިފުން ލިބުން ދަތި މަގާމްތަކަށް ދާން އެއްބަސްވާ 69 މުވައްޒިފުންގެ އިތުރުން ސްކޫލްތަކުގެ ހިދުމަތުގައި ތިބި މަގާމްގެ ޝަރުތު ހަމަނުވާ މުވައްޒަފުން ކަމަށެވެ. އަދި މިދިޔަ އޭޕްރީލް މަހު ހުޅުވާލި “މާސްޓަރ އޮފް އެޑިޔުކޭޝަން އިން އެޑިޔުކޭޝަނަލް އެސެސްމަންޓް” ކޯހަށް ހޮވޭ 22 މުވައްޒަފުންނަށް މި ފުރުސަތުގެ ދަށުން ތަމްރީން ވެވޭނެ ކަމަށެވެ.
ތަމްރީން ކުރެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ޓީޗަރުންނާއި، ޕްރިންސިޕަލުންނާއި، ސްކޫލް ހެލްތު އެސިސްޓެންޓުންނާއި، ސްކޫލް ކައުންސެލަރުން، ލައިބްރޭރިއަނުން، ލެބޯރެޓެރީ ޓެކްނީޝަނުން އަދި ވޮކޭޝަނަލް މާއްދާތައް ކިޔަވައިދެއްވާ ޓީޗަރުންގެ އިތުރުން އިންސްޓްރަކްޓަރުންނެވެ. ޕޮއިންޓު ދިނުމުގައި އިސްކަންދޭނީ ރަށުގައި މުވައްޒަފުން ލިބުން ދަތި ކަމަށާއި، މަގާމަށް މުވައްޒަފުން ލިބުން ދަތިވާ މިންވަރަށާއި، މުވައްޒަފުގެ އިލްމީ ގާބިލް ކަމަށް އަދި މުވައްޒަފުގެ ތަޖުރިބާ އަށް ބަލައިގެން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިކަމަށް އެދޭ ފަރާތްތަކުން އަންނަ އޯގަސްޓުމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް ފޯމް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.
ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ