ރައީސް ޔާމީން ހޮވުނަސް، ރައީސް މައުމޫން މިނިވަނެއް ނުކޮށްދޭނެ: ނަސްރީނާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިނިވަންކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ރައީސް ޔާމީން އެކަން ނުކޮށްދެއްވާނެ ކަމަށް ރައީސް ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނަސްރީނާ އެހެން ވިދާޅުވެފައިވަނީ ހދ. ކުޅުދުއްފުށި އެއާޕޯޓް ހުޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އަދުރޭ ވިދާޅުވެފައިވަނީ ރައީސް މައުމޫން ވެސް މިނިވަންވާނީ ކުރިއަށްއޮތް ދައުރަށް ރައީސް ޔާމީން ހޮވައިގެންނެވެ.
"ފުރަތަމަ ކަމަކަށް މިބޭފުޅުން މި ވިދާޅުވަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވުމާ އެކީގައި މައުމޫން އަބްދުލްޤައްޔޫމް ގެއަށް ވަޑައިގަންނަވާނެއޭ. ދޫކޮށްލެވޭނެއޭ. މައުމޫން އަބްދުލްޤައްޔޫމް ގެއަށް ދޫކޮށްލެވުމުގެ، މައުމޫން އަބްދުލްޤައްޔޫމް މިނިވަންކުރެއްވުމުގެ ބާރު އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައި. ދެން މިއޮތް ހުރިހާ ދުވަހަކު އެކަން ނުކުރެއްވީ ކީތްވެގެންތޯ؟ ދެން މި ވިދާޅުވަނީ ތިމަންނާ އިންތިހާބުކޮށްދޭ އިރަށް މައުމޫން ގެއަށް ބަދަލުވެވަޑައިގަންނަވާނެއޭ،" ނަސްރީނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިޔަސް ރައީސް މައުމޫން މިނިވަންކޮށްދެއްވާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވޭ،
ނަސްރީނާ އިބްރާހިމް
ނަސްރީނާ ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިޔަސް ރައީސް މައުމޫން މިނިވަންކޮށްދެއްވާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލުނުކުރެވޭ ކަމަށާއި ހަމައެކަނި ބޭނުންވަނީ ރައީސް މައުމޫން ގެއަށް ބަދަލުކުރުމެއް ނޫން ކަމަށެވެ. އަދި ޖަލުގައި އެތައް އަހަރެއް ވެފައި، ވާނުވާ ނޭނގި ތިބި ހުރިހާ އެންމެން މިނިވަންވުމަށް އެދޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ގާނޫނީގޮތުން ޝަރީއަތް ކުރަންޖެހޭ، ތަހުގީގުކުރަން ޖެހޭ ކަންތައްތައް ކޮށްފަ، ޝަރީއަތަށް ގޮސް، އެބަޔަކަށް ލިބެންވާ ހައްގު އަދަބު ލިބެން. ތުހުމަތެއްގައި އެތައް ޒަމާނެއް ވަންދެން ޖަލުގައި ތިބުމެއް ނޫން. އަދި އަޅުގަނޑުމެން ބޭނުންވަނީ ހަމަ އެވަގުތަކަށް ވެރިޔަކަށް ހުންނަ ބޭފުޅާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކޮންމެވެސް ގަވާއިދެއްގެ ކޮންމެވެސް ގަވާއިދެއްގެ ދަށުން، ބަދަލުކުރެއްވުން، ހުއްޓުވާލަން ބޭނުންވަނީ،" ނަސްރީނާ ވިދާޅުވިއެވެ.
ނަސްރީނާ ވަނީ ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ އާއިލާތައް ވީހާ ވެސް ހެނދުނަކާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓުދިނުމަށް ދިއުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ