ވަކި ކަމެއް ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތްކޮށްފިނަމަ ކާމިޔާބު ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީވެސް ފާއިތުވި ހަތަރު އަހަރު ދުވަސް މަސައްކަތްކުރީ ކަމެއް ހާސިލްކުރުމުގެ ބޭނުމުގަ އެވެ. ދިވެހި ނޫސްވެރިކަމުގައި ބްރޭންޑަކަށް ވުމަށެވެ. މުޖްތަމައުގަ ހުރި ދޯހަޅި، ވިޔާނުދާ ކަންކަން ރައްޔިތުންގެ ސަމާލުކަމަށްގެނެސް އެކަންކަން ހައްލު ކުރުމަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތަކެއް ކުރުމަށެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް ސާއިލް ނިކުތީ މީގެ ހަތަރު އަހަރު ދުވަސް ކުރިންނެވެ. މަސައްކަތް ފެށި ސަން އޮންލައިންގެ “ޖާނަލިސްޓް ޓްރެއިނީ” ވަޒީފާއިންނެވެ.
“ސްކޫލް ދައުރުން ސުރެވެސް ބުނަމުން ދިޔައީ މަންމަ ކާރީގަވެސް ނޫސްވެރިކަން ނުކުރާނަމަ ހުންނާނީ ގޭގައޭ، އެހާވެސް ބޮޑަށް އެ ނޫސްވެރިކަން ކުރަން ބޭނުންވޭ އޭރުވެސް ހުރީ، 18 އަހަރު ފުރުމާއެކު ޖޮއިން ކޮށްފިން ނޫސްވެރިކަމާ، ސަން އޮންލައިނަށް އާންމުކޮށް ވައްދާނީ ޖާނަލިސްޓް ކިޔާފަ، އަހަރެން ވެއްދީ ޖާނަލިޒަމް ޓްރޭނީ ކިޔާފަ، ވަރަށް ގިނަ މީހުން ކައިރިއަށް ގެންގޮސްފަ އިންޓަވިއުތައް ކޮށްފަ ފުރުސަތު ދިނީ” ނޫސްވެރިކަމުގެ ދާއިރާއަށް ސާއިލް ވަދެވުނުގޮތް ކިޔާދިނެވެ.
ނޫސްވެރިކަމުގެ ކުރު ހަޔާތުގައި މިހާތަނަށް 4000 އާ ގާތް ކުރާ އަދަދަކަށް އާޓިކަލް ލިޔެފައިވާއިރު ފާއިތުވި އަހަރެއްހާ ދުވަހު އެކަނިވެސް 1200 އަށްވުރެ ގިނަ އާޓިކަލް ސާއިލް ވަނީ ލިޔެފައެވެ. މީގެ އިތުރުން 100 އަށްވުރެ ގިނަ ރިޕޯޓް ފާއިތުވި އަހަރެއްހާ ދުވަހު ލިޔެފައިވާއިރު ސަން އޮންލައިންގައި ސާއިލް ފާހަގަކޮށްލެވެނީވެސް ރިޕޯޓް ލިޔުމުގައި ފާހަގަކޮށްލެވޭ ނޫސްވެރިއެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އިޖްތިމާއީ ކަންކަމާ ގުޅޭ ރިޕޯޓްލިޔާ ނޫސްވެރިއެއްގެ ގޮތުގަ އެވެ.
“އިޖްތިމާއީ ދާއިރާގެ ރިޕޯޓްތައް ގެނެސްދިނުމުގަ އެވަރުގެ ނޫސްވެރިއެއް މި ފަހަކަށް އިސް މި ސޮސައިޓީ އިން ނުފެންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ، ސާއިލް އަކީ އިޖްތިމާއީ ގިނަ މައްސަލަތަކަކަށް އަބަދުވެސް އަލިއަޅުވާލާ ލިޔަމުން އަންނަ ނޫސްވެރިއެއް” ސަން އޮންލައިންގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ތެރެއިން ރިޕޯޓް ލިޔުމުގެ ތެރެއަށް ވަދެވުނު ގޮތް ކިޔާދެމުން ސާއިލް ބުނީ ކުރިންސުރެވެސް ސާއިލްގެ މިޒާޖު ހުންނަގޮތުން ކަންކަމާބެހި ފާޑުކިޔާ އުޅޭ ކަމަށާއި އޭނާއަކީ “އައި ޑޯންޓް ކެއާ މައިންޑެޑް” މީހެއް ނޫން ކަމަށެވެ.
“ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރާ ހިތްވާނެ، އެއީ ދެން މަށާބެހޭކަމެއް ނޫނޭބުނެ ދޫކޮށްލުމުގެ ބަދަލުގަ ސްކޫލުދައުރުން ފެށިގެން، ގޭތެރޭ ޖެހޭ ކަމެއްވިޔަސް ދިރިއުޅުމުގަ ޖެހޭކަމެއްވިޔަސް އަދި އޮފީހުގަ ޖެހޭ ކަމެއް ވިޔަސް ހައްލު ހޯދޭތޯ މަސައްކަތް ކުރެވޭ، ވާހަކަ ނުދައްކާ އޭތި ބާއްވާފަ އަހަރެން ނުދާނަން، ހައްލުކުރަން މަސައްކަތްކުރާނީ” ސާއިލް ބުންޏެވެ.
ސާއިލް ބުނީ ފުރަތަމަ ރިޕޯޓް ލިޔަން ފެށިއިރު ލިޔެވެނީ ބޮޑެތި މަޒްމޫން ކަމަށާއި އެހެންނަމަވެސް އެކުގައި މަސައްކަތްކުރާ ހުސެއިން ހަސަން އަދި ސަންގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)ގެ އެހީތެރިކަމާއެކު ރިޕޯޓް ލިޔުމުގެ ދާއިރާއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ގެނެވިފައި ވާކަމަށެވެ. ފުރަތަމަ ރިޕޯޓްލިޔަން ފެށިއިރު މުންޑޫ އާދަމް ހަލީމްގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ސާއިލް ބުންޏެވެ.
“އޯލެވެލް ނިންމާފަ އަހަރެން ޖޮއިންކުރީ، ރިޕޯޓަކީ ކޯއްޗެއްކަން ހަބަރަކީ ކޯއްޗެއްކަން އޭރު ނޭނގެ، އެގޮތަށް ނޭނގޭތީ އެކަމްވެސް ޝައުގުވެރިކަން ހުންނާތީ ކުރީގަ ލިޔެފަ ހުންނަ މަޖައްލާ، ފިޔެސް ކަހަލަ މަޖައްލާތައް ހޯދައިގެން މަޖައްލާތައް ކިއުމާ ހުސެއިން ހަސަން ފަދަ ބޭބޭފުޅުން ކައިރިން ރިޕޯޓް ހަދަނީ ކިހިނެއްތޯ އެހުމާ، ހިރިގާމެން ކައިރީ އެހުމާ، ހިރިގާމެން ކިޔާދޭނެ ރިޕޯޓް ބައްޓަންކުރާނީ މިހެން މިހެންކަން، މިއެއްޗެހި ބަލައިގެން މިގޮތަށް، 2012 ވަނަ އަހަރުގެ ފަހުކޮޅު ރިޕޯޓް ލިޔަން ފަށައިފިން” ރިޕޯޓް ލިޔަން ފެށުނުގޮތް ސާއިލް ކިޔާދިނެވެ.
ސާއިލް އަކީ ނޫސްވެރިކަމުގައި ނަތީޖާ ނެރޭ ނަމޫނާ ނޫސްވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. މިހާތަނަށް ސާއިލް ލިޔެފައިވާ ބައެއް ރިޕޯޓްތަކުގެ ސަބަބުން އެތައް ކަންތައްތަކަކަށް މުޖްތަމައުގައި ހައްލު ލިބިފައި އެބަހުއްޓެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ މިދިޔަ އަހަރު އިބްތިހާލް މަރާއި ގުޅިގެން ސާއިލް ލިޔުނު ރިޕޯޓަކާއި ގުޅިގެން ނިކުތް ނަތީޖާ އެވެ.
“އިބްތިހާލް ކޭސް މިދިޔަ އަހަރު، އެރަށަށް ގޮސް އެންމެ ގިނަ ވަގުތު ހޭދަކުރި ނޫސްވެރިއަކަށް ވާނެ، އެ ކޭސްގަ މުޅިން ވާހަކަ ދެކެވެމުންދިޔައީ އިބްތިހާލްގެ މަންމަ އާފިޔާގެ ގޯސް ވާހަކަ، ވިޔާނުދާ އުޅުމުގެ ވާހަކަ އަހަރެން އެ އަތޮޅަށް ގޮއްސަ އާފިޔާމެން ދިރިއުޅުނު ރަކީދޫއަށް ދިޔައިން، ކުޑައިރުއްސުރެ ތައުލީމް ހާސިލްކޮށް ދިރިއުޅުނު ކެޔޮދޫއަށް ދިޔައިން ކެޔޮދޫ ދުވަސްވީ މީހުންނާ އެމީހުންގެ ދިރިއުޅުން ފެނިފަ ހުންނަ މީހުންނާ ވާހަކަދެއްކީމަ އަސްލު އެނގުނުގޮތަކީ އާފިޔާއަކީ ކުޑައިރު އެބިއުޒްކޮށްފަ ހުރި މީހެއްކަން، ޕްރޮސްޓިޓިއުޓަކަށް ހަދާފަހުރި ކުއްޖެއްކަން، އޭނަ ލައްވާ ހަށިވިއްކުވާފަ ހުރި، މިކަންކަން ބަލާފަ އެއްކަލަ ދޮންބައްޕަގެ އަނިޔާވެރިވާހަކަ އަހަރެން ގެނައީ، އަސްލު އާފިޔާ އެ ހާލަތަށް ދާންޖެހުނީ، ރަށްމެދަށް ބަލިވެ އިނދެ އިބްތިހާލް ލިބި އެހާލަށް ދާންޖެހުނީ ދޮން ބައްޕަޔާހެދިކަން އަހަރެން މީޑިއާއަށް ތިލަކުރިން، މިއަދު ދޮންބައްޕަ ވަނީ ހައްޔަރުކޮށް ދޮންބައްޕަގެ މައްޗަށް ދައުވާކުރަން ފޮނުވާފަ” ސާއިލް ކިޔާދިނެވެ.
މީގެ އިތުރުން ” އުމުރު ދުވަހު ބޭކާރުވެ، ޖިފުޑިގަނޑެއްގައި ބިތްޖެހިފައި” މި ސުރުހީގެ ދަށުން ލ ފޮނަދޫ އުމުރުން 81 އަހަރުގެ އަހުމަދު މުހައްމަދާއި ބެހޭގޮތުން ސަންގައި ލިޔުނު އާޓިކަލްއާއި ގުޅިގެން ރައީސްގެ ދެކަނބަލުން އަހުމަދު މުހައްމަދަށް ހަދިޔާ ފޮނުވުމާއި އާޓިފިޝަލް ބީޗުގައި ބިކިނީގައި މޫދަށް އެރިއުޅޭތީ އެކަމާބެހޭގޮތުން ލިޔުމުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގައި އެކަން މަނާކޮށް ބޯޑު ބެހެއްޓުމާއި ދެމަފިރިއަކު މަސްތުގައިޖެހި ދަރިންތަކަކަށް އަޅާނުލާ ބިކަހާލުގައި ޖައްސާފައިވުމުން އެކަން މުޖްތަމައުގެ ސަމާލުކަމަށް ގެނައުމުން އެ ކުދިންނަށް ދައުލަތުގެ ހިމާޔްތަ ލިބުމާއި މިފަދަ އެތައް ގިނަ ކާމިޔާބީތަކެއް ނޫސްވެރިކަމުގެ ކުރު ހަޔާތުގައި ސާއިލް ވަނީ ހޯދާފަ އެވެ.
މުޖްތަމައުގެ ކަންކަން ހައްލު ކުރުމަށް ބާރުއަޅާ ރިޕޯޓް ލިޔުމުގެ ޝައުގުވެރިކަން ހުންނަ ސާއިލް މިހާރު އަންނަނީ “ސާއިލްގެ މުޖްތަމައު”ގެ ނަމުގައި ސިލްސިލާ ރިޕޯޓްތަކެއް ލިޔަމުންނެވެ. އެ ރިޕޯތްތަކާ ގުޅިގެންވެސް ބައެއް ކަންކަން ހައްލުވަމުން އަންނަކަން ސާއިލް ފާހަގަކުރަނީ ނޫސްވެރިކަމުގެ ދާއިރާގައި ސާއިލް އަށް ލިބޭ ބޮޑު ކާމިޔާބީއެއް ގޮތުގަ އެވެ.
ނޫސްވެރިކަމުގެ ދާއިރާގެ ތެރެއިން ރިޕޯޓް ލިޔުމަށް ހުންނަ ޝައުގު ހާމަކޮށް ސާއިލް ބުނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަބަދުވެސް ހުންނަނީ މުޖްތަމައުގައި ހިނގާ ކަންކަމާމެދު ވިސްނަ ވިސްނާ ކަމަށާއި މަގުމަތިން ދާއިރުވެސް ސާއިލްގެ ނޫސްވެރި އެންޓަނާ ހުންނާނީ އެލާޓްގައި ކަމަށެވެ.
“މިޒާޖު ހުންނަގޮތަކީ ކިރިޔާ އަޑެއް އިވުނަސް ބަލާލާނެ، މަންޒަރެއް ފެނުނަސް، މިސާލަކަށް އަހަރެން ލިޔެފަ ހުންނާނެ މަގުމަތީ އަނދަވަޅުތަކެއްގެ ވާހަކަ ކާނުތައް ފޫއަޅާފަ ހުންނަ ވާހަކަ، މުޖްތަމައުގަ ފެންނަ ކަންތައްތައް މީހުންނަށް އުނދަގޫވާ ކަންތައްތައް ލިޔަން ޝައުގުވެރިކަން ހުންނަނީ، ކޮފީއަށް އެރީމަ ރައްޓެއްސަކު މި ބުނަނީ އޭ އެހެން މިހެން އެބަވޭ، ދަންނަ އަންހެންކުއްޖަކާ ކުރާ ޗެޓަކުން މި ކުއްޖާ މި ބުނަނީ މިހެން މިހެން އެބަވޭ، އެ އިތުރަށް ހޯދާ ބަލާފަ މި މުޖްތަމައުއާ އަހަރެން މި ގުޅުވާލަނީ، ކޮލަމްއެއް ލިޔާހެން އަހަރެންގެ ހިޔާލަށް އެއްޗެހިތައް ލިޔުމުގެ ބަދަލުގަ އަބަދުވެސް މައްސަލައަކަށް ނުވަތަ ގޯސްކޮށް ދާ ކަމަކަށް ލިޔަން ޝައުގުވެރިކަން ހުންނަނީ” ސާއިލް ބުންޏެވެ.
ނޫސްވެރިކަމުގެ ދާއިރާގައި މިހާތަނަށް ކުރެވުނު އެންމެ ބުރަ މަސައްކަތަކީ ޒުހާގެ މަރާއި ގުޅިގެން އެކުގައި މަސައްކަތްކުރާ ނޫސްވެރިޔާ ހުސެއިން ހަސަން އާއެކު ކުރެވުނު މަސައްކަތްތައްކަން ސާއިލް ފާހަގަކުރެ އެވެ. އެގޮތުން އެ ހާދިސާއާއި ގުޅިގެން ކުރެވުނު މަސައްކަތުން ލިބުނު ހަ ގަޑިއިރުގެ ވީޑިއޯފުޓޭޖް މެދުކެނޑުމެއްނެތި ބެލި ބެލުން އެއީ ނޫސްވެރިކަމުގެ ހަޔާތުގައި ހަނދާނުން ފިލާނުދާނެ މަސައްކަތެއްކަން ސާއިލް ފާހަގަކުރެ އެވެ.
ސާއިލްގެ ނޫސްވެރިކަމުގެ ކުރު ހަޔާތުގައި ކޮށްފައިވާ އަދި ކުރަމުން އަން ބުރަ މަސައްކަތްތަކަށް އައްސަރިބަހާ ސާބަސް ރައްދު ކުރަމެވެ. އަދި ދުވަސް ޓީމުން އެދެނީ ނޫސްވެރިކަމުގައި ސާއިލް އަށް ފާގަތި އުޖާލާ ދުވަސް ތަކަކަށެވެ. އެހެން ނޫސްވެރިންވެސް ސާއިލްގެ މި މަސައްކަތްތައް ނަމޫނާއަކަށް ބަލައިގެން ގައުމަށް ފައިދާ ހުރި މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރެވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ އެކުވެރި ނޫސްވެރިންނާއި ކިޔުންތެރިންނަށް އަރިސް ކުރަމެވެ.
އަހުމަދު ސާއިލް އަލީ: ނަތީޖާ ނެރޭ ނަމޫނާ ނޫސްވެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ