2008ގެ އިންތިހާބު ވަނީ އޮޅުވާލާފައި: މައުމޫން

2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ގިނަ ޕާޓީތައް ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ގަބޫލުކުރަން ދަތި ވަރަށް ގިނަ ކަންތައްްތައް ހިނގާދިޔަ ކަމަށާ އެ އިންތިހާބުގެ ނަތީޖާ ގަބޫލުކުރެއްވީ ގައުމީ މަސްލަހަތު އިސްކުރެއްވުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ހުކުރު ދުވަހު ވީޓީވީން ގެނެސްދިން "ހަމީދުގެ މެހެމާންސަރާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
2008ގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅޭގޮތުން ތަފްސީލްކޮށް ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ 2008ގެ އިންތިހާބުގައި ވޯޓް ލުމުގެ ތެރޭގައާއި ވޯޓް ގުނުމުގައި ގަބޫލުކުރައްވަން ދަތި ވަރަށް ގިނަ ކަންކަން ހިނގާދިޔަ ކަމަށެވެ. އެކަމާއި ގުޅިގެން އޭރު އެމަނިކުފާނުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި ވަރަށް ގިނަ ބޭފުޅުން އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރެއްވުމަށް އެމަނިކުފާނުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
"ހަގީގަތުގައި އެ އިންތިހާބުގެ ތެރޭގައި ގަބޫލުކުރަން ވަރަށް ދަތި ކަންތައްތަކެއް ހިނގާދިޔަ. އިންތިހާބުގެ ތެރޭގައިވެސް އަދި ވޯޓް ގުނުމުގައިވެސް ކަންތައްތަކެއް ދިޔަ. ދެން އަޅުގަނޑަށް ހީވާގޮތުގައި އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރުމަށް ކިތަންމެ ގިނަ ސަބަބުތަކެއްވެސް ހުރި. އެހެން ނަމަވެސް އަޅުގަނޑު ވިސްނެވީ ގައުމީ މަސްލަހަތަށް. ވަރަށް ގިނަ ބޭފުޅުން ވަޒީރުންނާއި ކެމްޕޭންގެ އިސް ބޭފުޅުން ވިދާޅުވި އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާށޭ. އަލުން އިންތިހާބު ބާއްވަން ނުވަތަ އަލުން ވޯޓް ގުނުމަށް އެދޭށޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިންތިހާބުގެ ތެރޭގައި ހިނގާދިޔަ ބައެއް ކަންކަމަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަންތައްތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަން އިންތިހާބުގެ ތެރޭގައި ހިންގާފައިވާ ކަމުގެ ސާފު ހެކިވެސް އެމަނިކުފާނުގެ ގާނޫނީ ޓީމުން ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އިންތިހާބު އޮޅުވާލަން ކުރި ވަކި ކަމެއް ރައީސް މައުމޫން ވިދާޅުވެފައެއް ނުވެ އެވެ.
މިހުރިހާ ސަބަބުތަކެއް ހުރިނަމަވެސް ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރެއްވީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސްލަހަތަށް އިސްކަން ދެއްވުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އިންތިހާބުގެ ނަތީޖާ އެމަނިކުފާނު ގަބޫލުނުކުރައްވާކަން އިއުލާން ކުރެއްވިނަމަ މާލެއާއި އަތޮޅުތަކުގައި ބައެއް ކަންކަން ކުރުމަށް ބަޔަކު ދިޔައީ ރާވަމުން ކަމަށާ އެހެންކަމުން ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ހިނގައިދާނެ އެއްވެސް ކަމެއް ކުރައްވަން ބޭނުން ނުވާތީވެ އިންތިހާބުގެ ނަތީޖާ ގަބޫލުކުރެއްވީ ކަމަށްވެސް ވިދާޅުވި އެވެ.
"އެބޭފުޅުން ވިދާޅުވި މިވެނި މިވެނި ކަންކަން މިހުރީ ގޯސްކޮށް ކޮށްފައޭ. އެކަމުގެ ހެކިވެސް ހުރި. އަޅުގަނޑު ދެންނެވިން ނޫނޭ. އަޅުގަނޑު ގަބޫލުކުރާނަމޭ. ނަތީޖާ ގަބޫލުނުކޮށްފިނަމަ ދެން ނިކުންނަ ކަންކަން ރަނގަޅެއް ނުވާނޭ. އޭރުވެސް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އަޅުގަނޑު ނަތީޖާ ގަބޫލު ނުކޮށްފިނަމަ ގޯސް ކަންތަކެއް ހިންގުމަށް. އެހެންވީމަ އަޅުގަނޑު ބޭނުންނުވީ އަޅުގަނޑު ނަތީޖާ ގަބޫލުނުކުރުމުން ގައުމުގައި ކަންތަކެއް ހިނގަން. އަދި ބޮޑު ފިތުނައެއް އުފެދެން ބޭނުންނުވީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިންތިހާބުގެ ނަތީޖާ ލިބުުމުން ވަގުތުން ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވާ މަރުހަބާ ވިދާޅުވެ ބައްދަލުކޮށްލަން އެދުނީވެސް އެމަނިކުފާނު ކަމަށެެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު 10:00 ޖެހިއިރު ރައީސް އޮފީހުގައި ބައްދަލުކުރައްވާ އޮމާންކަމާއިއެކު ވެރިކަން ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދާއި މަޝްވަރާ ކުރައްވާ އެކަން އެގޮތަށް ކުރިއަށް ގެންދެވީ ގައުމުގެ ހައްގުގައި ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް ވުރެ އެއްވެސްކަމެއް އިސްނުކުރައްވާނެ ކަމަށާ ވެރިކަމުގައި ހޭދަކުރެއްވި މުއްދަތުގައި ވަރަށް ދަތި އުދަގޫ ތަޖުރިބާތަކެއް ކުރައްވަންވެސް ޖެހިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ރައްޔިތުން އެމަނިކުފާނަށް ވަރަށް މަތިވެރި ތާއީދެއް ދެއްވި ކަމަށާ ވެރިކަމުގެ ހަ ދައުރަށްފަހު ހަތްވަނަ ދައުރަކަށްވެސް ރައްޔިތުން އެމަނިކުފާނު އިންތިހާބުކޮށްދެއްވި ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ ރައްޔިތުން އަޅުގަނޑު ހަ ދައުރު ވެރިކަން ކުރެއްވުމުން ހަތްވަނަ ދައުރަކަށްވެސް އިންތިހާބުކޮށްދެއްވި ކަމަށް. އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ޝުކުރުވެރިވަން،" ރައީސް މައުމޫން ވިދާޅުވި އެެވެ.
ރައީސް މައުމޫން ވަނީ މި ޕްރަގްރާމްގައި ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރިމަތިވެވަޑައިގެން ގިނަ ގޮންޖެހުންތަކާއި ހާދިސާތަކުގެ މައުލޫމާތު ވަރަށް ތަފްސީލްކޮށް ބެލުންތެރިންނާއި ހިއްސާކުރައްވާފަ އެވެ. ރައީސް މައުމޫން ވިދާޅުވީ 1978 ވަނަ އަހަރު ވެރިކަމުގެ ހުވާކުރެއްވިތާ އަހަރަކާއި ތިން މަސްވެސް ނުވަނީސް ވެރިކަން ބަދަލުކޮށްލުމަށް ބަޔަކު ބަޣާވާތެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ވެރިކަމުގެ އެހާ ކުރީކޮޅު އެފަދެއް ކަމެއް ކުރުމުގެ ސަބަބުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެން ކަމަށާ ނަމަވެސް މާތްﷲގެ ތަނަވަސް ރަހުމަތުން އެމީހުންގެ ރޭވުން ބާތިލް ވެގެންދިޔައީ ކަމަށްވެސް ވިދާޅުވި އެވެ.
"އެއީވެސް ބޭރުގެ ބަޔަކާއި ގުޅިގެން ގެންނަން މަސައްކަތްކުރި ބަޣާވާތެއް. ނަމަވެސް އެމީހުން ރާއްޖެއައި ފަހުން އެމީހުންނަށް ލިބިފައިވަނީ ހަގީގީ މައުލޫމާތަކަށް ނުވާތީ އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު އަނބުރާ ދިޔައީ. ހަގީގަތުގައި ބަޔަކަށް އޮޅުވާލައިގެން އެހެން މަންޒަރެއް ދައްކައިގެން ވެރިކަން ބަދަލުކުރަން މަސައްކަތް އެބަޔަކު ކުރީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރަށް އެއް ދުވަސްވަރެއްގައި ކޮންމެ ހުކުރު ދުވަހެއްގެ ރޭ މާލޭގެ އެކި ހިސާބުތަކުގައި ބަޔަކު އަލިފާން ރޯކުރަން ފެށުމާއި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އިތުރަށް ސީދާ އެމަނިކުފާނު އަވަހާރަކޮށްލަންވެސް 30 އަހަރުގެ ތެރޭގައި އެކި ހަމަލާތައް ބަޔަކު ދީފައިވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު އެންމެ ހިތްދަތިވީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ގިނަ ދިވެހިން ތަކެއް ޝަހީދުވެގެން ދިއުމާއި، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ގިނަ ބަޔަކު ނިޔާވުމުގެ އިތުރަށް، އެނަމާ ކާރިސާއާއި، ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ކަމަށެވެ.
"އެފަަދަ ކޮންމެ ދުވަހަކީވެސް ވަރަށް ހިތާމަވެރި ދުވަސްތައް. ގިނަ އަދަދެއްގެ ދިވެހިން ނިޔާވެެގެން ދިއުން އެއީ ހިތުން ފިލުވާލަން ވަރަށް ދަތިވީ ދުވަސްތަކެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ