މައުމޫން ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ނިންމައިފި

ޕީޕީއެމް ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރަން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދިވަޑައިގެން އެޕާޓީގެ ރައީސް މައުމޫން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ނުބެލޭނެ ކަމަށް ނިންމައި ހުކުމް ކޮށްފިއެވެ.
މިމަހުގެ އަށްވަނަ ދުވަހު ރައީސް މައުމޫން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ސިވިލް ކޯޓުގެ ހުކުމާއެކު، ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ ގާނޫނުއަސާސީއާއި، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެއީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
މައުމޫން ހުށަހެޅުއްވި މި މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ނިންމީ އެއީ ކޯޓުން ކުރިންވެސް ގޮތެއް ނިންމާފައިވާ މައްސަލައެއް ކަމަށް ބުނެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ވަނީ އެ ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާތީ އެ މައްސަލަ އަލުން ނުބެލޭނެ ކަމަށެވެ.
އަދި މައުމޫން ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފައިވަނީ ވެސް ކޯޓުގެ އިޚްތިސާސުން ބޭރުން ކަމަށް ހުކުމުގައި ބުނެއެވެ.
މައުމޫން ހުށަހެޅުއްވި މައްސަލައަކީ ނުބެލޭނެ މައްސަލައެއް ކަމަށް ނިންމައި ކޯޓުން ހުކުމްކުރިއިރު، މި މައްސަލަ ކޯޓަށް ބަލައިގަތުމުން މައުމޫން ވަނީ މި މައްސަލައަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން ވެސް ބައެއް މަސައްކަތްތައް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނުން ހޯއްދަވަން ވެސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ކޮމިޝަނުން އެންގީ ޕާޓީއަށް ހުށަހަޅުއްވައިގެން އެ ލިޔުން ހޯއްދެވުމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން މިދިޔަ މަހުގެ 16 ވަަނަ ދުވަހު ހުކުމް ކުރީ އެޕާޓީގައި ރައީސަކު ހުންނެވި ނަަމަވެސް ޕީޕީއެމްއަށް މިހާރު ކުރިމަތިވެފައިވަނީ ރައީސަކު ނެތް ފަަދަ ހާލަތެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ. ޕީޕީއެމް ހިންގަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ. އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނި ތާއީދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ