ތިނަދޫގެ ނަމަށް "ހަވަރު" އިތުރު ކުރުމާބެހޭ ގޮތުން ރިފެރެންޑަމްއަކަށްދާން ރައްޔިތުން ހުށަހަޅައިފި

ތިނދޫގެ ނަން "ހަވަރު ތިނަދުއަށް" ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ތިނަދޫގެ ރައްޔިތުން ސަރުކާރަށް ހުށަހަޅައިފި އެވެ.
ތިނަދޫގެ ނަން ހަވަރު ތިނަދުއަށް ބަދަލުކުރުމުގައި ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް އެރަށު ރައްޔިތުން ހުށަހެޅި ނަން ބަދަލުކުރުމުގެ މައްސަލައިގާ މަޝްވަރާ ކުރުމަށް ރައީސް ފޮނުއްވި މަތީ ވަފުދުން ރައްޔިތުންނާއި ކުރި މަޝްވަރާތަކުގެ ތެރެއިންނެވެ.
ތިނަދޫ ކައުންސިލްގެ ނައިބު ރައީސް މުހަންމަދު ޒާހިރު މިއަދު ވިދާޅުވީ އެ ވަފްދުން ރައްޔިތުންނާއި ބައްދަލުކުރުމުން ގިނަ އަދަދެއްގެ ރައްޔިތުންވެސް ބޭނުންވަނީ ރައްޔިތުންގެ ހިއްސާ އޮންނަ ގޮތެއްގެ މަތިން ނަން ބަދަލުކުރުމަށް ފެންނަ ނުފެންވޯޓަކަށް ދިޔުމަށް ކަމަށެވެ.
"މީގެ ކުރިން ހަވަރު ކިޔުމާއި ކަނޑާލުން އޮތީ އެއިރެއްގައި އޮންނަ ވެރިކަމަކުން ކުރިކަމެއްގެ ގޮތުގައި. ރައްޔިތުން ބޭނުންވޭ އެމީހުން އެންމެންގެ ބައިވެރިވުން އެފަދަ ނިންމުމެއްގައި އޮންނަން. އެހެންވެ ރައްޔިތުން އެގޮތަށް ހުށަހެޅީ،" ޒާހިރު ވިދާޅުވި އެވެ.
ރައީސްގެ ވަފުދުން ވަނީ ތިނަދުއަށް ހަވަރު ތިނަދޫ ކީ ގޮތާއި އަދި އެނަން ފަހުން ބަދަލު ކުރި ގޮތުގެ މައްޗަށް މައުލޫމާތުއެއްކޮށްފަ އެވެ. ތިނަދޫގެ ނަން ހަވަރު ތިނަދުއަށް ބަދަލުކުރުމުގެ މައްސަލަށް ރައީސް އަށް ފޮނުވީ ތިނަދޫ ކައުންސިލުންނެވެ. އެ މައްސަލައިގާ ކެބިނެޓްގައިވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ގދ. ތިނަދޫގެ ނަން "ހަވަރު ތިނަދޫ" އަށް ބަދަލު ކުރުމަށް ރައީސްޖުމްހޫރިއްޔާގެ ލަފާފުޅަކަށް ތިނަދޫ ކައުންސިލުން އެދިފައި ވަނީ ތިނަދޫގެ ނަމުގެ ކުރިޔަށް ހަވަރު ކަނޑައިލިތާ 32 އަހަރު ފަހުންނެވެ.
ތިނަދޫގެ ނަމުން ހަވަރު ކަނޑައިލެއްވެވިކަން އިއުލާން ކުރެއްވެވީ ޖޫން 27، 1979 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި މުޙާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިނަދޫއަށް "ހަވަރު ތިނަދޫ" އެނަން ކިޔަނީ ދިވެހި ރަސްކަމުގެ ލަޝްކަރުތައް ކަމަށްވާ ދޮށިމޭނާވަރާއި ވެލާނާވަރާއި ހަކުރާވަރާއި މާފަތްވަރާއި ދަހަރާވަރާއި ފާމުލަދޭރި ވަރަށް ނިސްބަތް ކޮށެވެ. އައްސުލްތޯނުލް ޣާޒީ މުހައްމަތު ތަކުރުފާނުލް އައުޒަމްގެ ރަސްކަމުން ފެށިގެން ތިނަދޫ އޮތީ ހަވަރުގެ ބެލުމުގެ ދަށުގަ އެވެ. ސުލްތޯނު މުހައްމަދު މުއީނުއް ދީން އެކެއްގެ ރަސްކަމާ ހަމައަށް ތިނަދޫގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަވަރުގެ ހަ ބޮޑު ބޭކަލުންގެ ތެރެއިން ބޭކަލަކު ތިނަދޫގައި ގާއިމުވެ ހުންނެވި އެވެ. އޭގެ ފަހުން ތިނަދޫ އާއި ކާޑެއްދޫ އާއި ކުބުއްޑޫން ހަވަރަށް ގެންނަން ޖެހޭތަކެތި ނަގައި މާލެ ގެނައުމަށް އައްޔަން ކުރައްވާފައި ހުންނެވީ ގޮއިވެރިއެކެވެ.
ވާރު އޮޑީގައި އަހަރަކު އެއް ފަހަރު ހަވަރަށް ގެނެވޭ ތަކެތި ހަވަރަށް ބައްސަވައި ދެއްވަނީ މާލޭ ދެ ދޮރާށި ދޭތެރޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިގެނެވެ. މިކަން ހުއްޓައިލީ 1959 ގައެވެ. ތިނަދޫގެ އެންމެ ފަހުގެ ގޮއިވެރިއަކީ ހިރިހަމާތި ކަލޭފާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ