ހުއްދަނެތި ބޭރުގައި އުޅުނު 461 މީހަކު ޖޫރިމަނާކޮށްފި.

މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ބޭރަށް ނިކުތުމުގެ ހުއްދަ އާއި ނުލައި ބޭރުގައި އުޅުނު ޖުމްލަ 461 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ  ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ މާލެއިން 101 މީހަކު، ހުޅުމާލެ އިން ހަތަރު މީހެއް އަދި ވިލިމާލެއިންވެސް ހަތަރު މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. މާލެ ލޮކްޑައިން ކުރިފަހުން ވިލިމާލެ އިން 27 މީހަކު، ހުޅުމާލެއިން 30 މީހަކު އަދި މާލެއިން  404 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.  އިއްޔެވެސް ހުއްދަނެތި މަގުމަތީ އުޅުނު 5 މީހަކު މާލެއިން ވަނީ ހައްޔަރުކޮށްފައެވެ.
ހުއްދަ ނެތ މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއިންނެވެ.
ޑެލިވަރީގެ ހިދުމަތްދޭއިރު ޑެލިވަރީ ވެހިކަލްގައި ތަތްކުރާ ސްޓިކާގެ 4.322 ސްޓިކާ މިހާތަނަށް ދޫކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މާލެއިން 3،772 ސްޓިކާ، ހުޅުމާލެ އިން 484 ސްޓިކާ އަދި ވިލިމާލެ އިން 66 ސްޓިކާ ދޫކޮށްފައިވެއެވެ.
ލޮކްޑައުންގެ މި ހާލަތުގައި ބޭރަށް ނިކުމެވޭނީ ފުލުހުންދޭ ހުއްދަ އެއް ލިބިގެން، ހުއްދަ ލިބޭ ސަރަހައްދުތަކަށެވެ. އެގޮތުން ވިޔަފާރިކުރުމަށާއި އޭޓީއެމްއަށް ދިޔުމަށް އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ހުއްދަ އަށް އެދުމުން ފުލުހުން ދަނީ ހުއްދައަށް އެދޭ ކަމަކަށް ރިއާޔަތްކޮށް ހުއްދަ ދެމުންނެވެ.
ބުރާސްފަތިދުވަހުގެެރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެވްރެޖުކޮށް ދުވާލަކު 7000 މީހުން ހުއްދަ އަށް އެދޭ ކަމަށެވެ. މިހުއްދަ ބައެއްފަހަރު ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ކަމަށާއި އެފަދަ މީހުންގެ ހުއްދަ ބާތިލުކުރާނެ ކަމަށެވެ. ލޮކްޑައުންގެ މާނަ އަކީ ގޭގައި ތިބުން ކަމަށާއި މިހާލަތުގައި މަގުމަތީ އުޅެ، ގޭގެއަށް ޒިޔާރަތްކުރާނަމަ ޑޮކްޓަރުން ކިޔައިދޭ ނަންބަރުތައް އިތުރުވާތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ