މީހަކު މަރުވެއްޖެނަމަ 3 މަރުޙަލާގަ ކިޔަން އޮތް 3 ދުޢާ-

ތަޢުޒިޔާ
عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ قَالَ: «كُنَّا عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَرْسَلَتْ إِلَيْهِ إِحْدَى بَنَاتِهِ تَدْعُوهُ وَتُخْبِرُهُ أَنَّ صَبِيًّا لَهَا – أَوِ ابْنًا لَهَا – فِي الْمَوْتِ، فَقَالَ لِلرَّسُولِ: ارْجِعْ إِلَيْهَا، فَأَخْبِرْهَا أَنَّ: لِلَّهِ مَا أَخَذَ، وَلَهُ مَا أَعْطَى، وَكُلُّ شَيْءٍ عِنْدَهُ بِأَجَلٍ مُسَمًّى».
[مُتَّفَقٌ عَلَيْهِ] 
އުސާމާ ބުން ޒައިދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންބޭކަލުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިއްބެވީމެވެ. ފަހެ، އެކަލޭގެފާނުގެ ދަރިކަނބަލަކު (އެބަހީ: ޒައިނަބުގެފާނު)، އެކަލޭގެފާނު ވަޑައިގެންދެއްވުން އެދި ދެންނެވުމަށާއި، އެކަމަނާގެ ކުޑަ ދަރިކަލުން – ނުވަތަ ފިރިހެން ދަރިކަލުން – މަރަށް ޙާޟިރުވެފައިވާ ޚަބަރު އެކަލޭގެފާނަށް ދެއްވުމަށް، އެކަލޭގެފާނުގެ އަރިހަށް މީހަކު ފޮނުއްވިއެވެ. ފަހެ، އެކަމަނާ ފޮނުއްވި މީހާއަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 
"އެކަމަނާގެ އަރިހަށް އެނބުރި ދާށެވެ. އަދި އެކަމަނާއަށް ޚަބަރުދެއްވާށެވެ. ހަމަކަށަވަރުން ﷲ ހިއްޕެވި އެއްޗެއްވަނީ އެއިލާހަށެވެ. އަދި އެއިލާހު ދެއްވި އެއްޗެއްވެސްވަނީ އެއިލާހަށެވެ. އެއިލާހުގެ ޙަޟްރަތުގައި ކޮންމެ އެއްޗަކަށްވެސް ކަނޑައެޅިގެންވާ އަޖަލެއްވެއެވެ.”
[ރިވާކުރެއްވީ އިމާމް ބުޚާރީ އާއި މުސްލިމް رحمهما الله]
ނޯޓް: މުސްލިމަކު މަރުވުމުން، އެކަމުގެ ސަބަބުން ހިތާމަވެރިކަން ލިބިފައިވާ މީސްތަކުންނަށް ތަޢުޒިޔާކިޔުމުގެ ގޮތުން ކޮށްދޭންވީ ދުޢާއަކީ މިއެވެ. 
އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.  
"ތަޢުޒިޔާ ކިޔުމަށް އެންމެ ރަނގަޅު ލަފްޒަކީ ސުންނަތުގައި އައިސްފައިވާ ލަފްޒެވެ. އެއީ: 
لِلَّهِ مَا أَخَذَ، وَلَهُ مَا أَعْطَى، وَكُلُّ شَيْءٍ عِنْدَهُ بِأَجَلٍ مُسَمًّى އެވެ. " 
މާނައީ: ހަމަކަށަވަރުން ﷲ ހިއްޕެވި އެއްޗެއްވަނީ އެއިލާހަށެވެ. އަދި އެއިލާހު ދެއްވި އެއްޗެއްވެސްވަނީ އެއިލާހަށެވެ. އެއިލާހުގެ ޙަޟްރަތުގައި ކޮންމެ އެއްޗަކަށްވެސް ކަނޑައެޅިގެންވާ އަޖަލެއްވެއެވެ."  
މައްޔިތާ ވަޅުލުމަށްފަހު މައްޔިތާއަށް ކުރާ ދުޢާ 
كَانَ النَّبَيَّ صَلَّى اللهُ عَلَيهِ وَسَلَّمَ إِذَا فَرَغَ مِنْ دَفْنِ الْمَيَّتِ: وَقَفَ عَلَيهِ، فَقَالَ: «اسْتَغْفِرُوا ﻷِخِيكُمْ، وَسَلُواْ اللهَ لَهُ التَّثْبِيْتُ؛ فَإِنَّهُ ٱﻵَنَ يُسْأَلُ».  
[رواه الْحَاكِمُ] 
މައްޔިތާ ވަޅުލާ ނިމުމުން، ނަބިއްޔާ صلى الله عليه وسلم އެ ޤަބުރުގެ ކައިރީގައި މަޑުކުރައްވައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރައްވައެވެ. "ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސަވާދެއްވުން އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަންދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. ފަހެ، ހަމަކަށަވަރުން މިހާރު އޭނާއާ އެބަ ސުވާލުކުރެވެއެވެ. (އެބަހީ: މަލާއިކަތުން މައްޔިތާއާ އެބަ ސުވާލުކުރައްވައެވެ.)"
[ރިވާކުރެއްވީ ޙާކިމް رحمه الله] 
ޤަބުރުސްތާނަށް ޒިޔާރާތްކުރާއިރު ކިޔާ ދުޢާ 
عَنْ  بُرَيْدَةَ  رَضِيَ اللَّهُ عَنْهُ قَالَ: «كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ: السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ، وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ، أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ».  
[رواه مُسْلِمٌ] 
ބުރައިދާ رضي الله عنه ވިދާޅުވިއެވެ. "ޤަބުރުސްތާނަށް ޒިޔާރާތްކުރަން ދާއިރު (ކިޔާ ދުޢާ)، ނަބިއްޔާ صلى الله عليه وسلم މީސްތަކުންނަށް އުނގަންނަވައިދެއްވިއެވެ." (އެއީ): 
السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ، وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ، أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ.
މާނައީ: "ޤަބުރުސްތާނުގައި ތިބި އެންމެހާ މުސްލިމުންނާއި މުއުމިނުންނަށް ސަލާމަތްތެރިކަން ހުއްޓެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންމެންނަކީ  ތިޔަބއިމީހުންނާއި ބައްދަލުކުރާނޭ ބަޔަކީމުވިއެވެ. ތިމަންމެންނާއި ތިޔަބައިމީހުންނަށް ޢާފިޔަތަށް އެދި ﷲ ވެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ."
[ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –
 
- އައްޝައިޚް ޙުސައިން ޠާރިޤް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ