އިދިކޮޅުން ޝަރުތެއް ނެތި ސަރުކާރާ އެއްކޮޅަށް ތެދުވޭ - ޔާމީން ރަޝީދު

އިދިކޮޅު ކޯލިޝަނުން އެއްވެސް ޝަރުތެއް ނެތި ސަރުކާރާއި އެއްކޮޅަށް ތެދުވުމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު އިލްތިމާސްކުރައްވައިފިއެވެ.
މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ދަނޑިވަޅަކީ ސިޔާސީ އިދިކޮޅެއް އެއްކޮޅެއް އޮންނާނެ ވަގުތެއް ނޫން ކަމަށާއި، އިދިކޮޅު ކޯލިޝަނުން އެއްވެސް ޝަރުތެއް ނެތި ރައްޔިތުންނާއި ގައުމަށްޓަކާ ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖާމީން ވިދާޅުވީ މި ވަގުތަކީ ސަރުކާރަށް އެންމެންވެސް އެއްބާރުލުން ދޭންވީ ވަގުތު ކަމަށެވެ. އަދި މިހާރު މުޅި ދުނިޔޭގައި ހިނގަމުން މިދަނީ ސިޔާސީ ކަމެއް ނޫން ކަމަށާއި، ވެރިކަމާއި ބާރާއި، ޖަހާލަތަށްވުރެ މިވަގުތު މުހިންމީ އިންސާނީ ދުޅަހެޔޮކަމާއި އިގްތިސާދާއި އިޖްތިމާއި ފޭރާން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިދިކޮޅުންވެސް ސަރުކާރާއި އެކު މަސައްކަތް ކޮށް މި ދަނޑިވަޅުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި މިއަދަކު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ސިޔާސީ އެއްކޮޅެއް އިދިކޮޅެއް ނެތް ކަމަށާއި އެކަންކަން އިޮވެގެންވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ،
ޔާމީން އަކީ މިހާރު އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އޭނާ އަކީ މީގެ ކުރިން ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރުމަށްފަހު ޖޭޕީ އާއި ގުޅިވަޑައިގެން ހުންނަވާ ބޭފުޅެކެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސަރުކާރަށް ކޮވިޑް-19 އާއި ގުޅިގެން ދެވެން އޮތް އެންމެހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ފިރިހަމަ ޔަގީންކަން ދެއްވާފައެވެ. އަބްދުރަހީމް މިހެން ވިދާޅުވެފައި ވީނަމަވެސް، ސަރުކާރަށް ސިޔާސީ ޕާޓީތަކުން އެންމެ އެކަށީގެންވާ އެއްބާރުލުމެއް ދެމުން އަންނަ މަންޒަރު ނުފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ