ކޮވިޑް-19 އަށްޓަކައި މާލެ ލުއިކުރަންޖެހޭ: ރައީސް ނަޝީދު

ކޮވިޑް-19 ރޯގާއަށްޓަކާ މާލެ ލުއިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކުގެ ސަބަބުން ކުލި ނުދެއްކި، ގެއިން ބޭރުވާންޖެހޭ މީހުން، އެމީހުންގެ ރަށަށް އަނބުރާ ދިޔުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ގޮވާލައްވާފައިވާ ވަގުތެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު އީސަ ދެއްކެވި ވާހަކައާ ގުޅޭގޮތުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މެމްބަރު އީސަ ބޭނުންކުރެއްވި ބަސްތައް އެންމެ އެކަށީގެން ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް، އޭނާ ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށެވެ.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރަކީ އާންމުކޮށް ވަރަށް ސާފު ބަހުން އެކަހަލަ ހަގީގަތްތައް ވިދާޅުވާ ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މެމްބަރު އީސައަށް ފޯނުން ގުޅުއްވުމުން، އެރަށުގައި ހުއިފިލަނޑާ އާލާ ކުރެވޭނެ ކަމުގެ ވާހަކައާއި ރަށުގެ މަދަރުސާގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކައާއި އެރަށަކީ ތަނަވަސް ރަށެއްކަން ފާހަގަކުރެއްވި ކަމަށެވެ.
މީހުން އަނބުރާ ރަށްތަކަށް އާބާދު ކުރުމުގެ ޕްރޮގްރާމެއް ހިންގަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ޕްރޮގްރާމަކީ ހިލޭ ސާބަހަށް ހިންގަންޖެހޭ ޕްރޮގްރާމަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ރީ ޑައިރެކްޝަނަކަށް ވާނެޖެހޭނެ ކަމަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮވިޑް-19 އާއެކު މުޅި ދުނިޔެ އިގްތިސާދީ ހީނަރުކަމަކާ ކުރިމަތިލާފައި ވާއިރު އިގްތިސާދީ ގޮތުން އަރައިގަތުމުގައި ދަތިތަކެއް ހުންނާނެ ކަމަށް ތަޖްރިބާކާރުން އަންނަނީ ބުނަމުންނެވެ. ލިބޭ އާމްދަނީ ދެކޮޅު ޖައްސާ އަމިއްލައަށް އިގްތިސާދު ކުރުމަށް އިގްތިސާދީ މާހިރުން ބާރު އަޅަމުންދާ މިދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން ކުލި ނުދެއްކި، މާލޭގައި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރުކުރުމަށް އެދިވަޑައިގެންފައެވެ. އެ
މެމްބަރު އީސަ ވިދާޅުވީ، ދިރިއުޅުމުގައި ލިބޭ އާމްދަނީއާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު، ކަންކަން ދޫކޮށްލަންޖެހޭ ކަމަށެވެ.
މެމްބަރު އީސަ ވިދާޅުވީ ރައްޔިތުން ތިބީ އިގްތިސާދީގޮތުން އެކަކު އަނެކަކަށް އަޅާލެވޭ ފަދަ ހިސާބެއްގައި ނޫން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އަމިއްލައަށް އުޅޭވޭނެ ގޮތް ހޯދަންޖެހޭނެ ކަމަށާއި ޚަރަދު ކުޑަކުރެވޭނެ ގޮތްތަކެއް އަމިއްލައަށް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ސަރުކާރަކަށްވެސް މާލޭގެ ހުރިހާ އެޕާޓްމަންޓުތަކަށް ކުލި ނުދެއްކޭނެ ކަމަށާއި ވަޒީފާތަކުން ވަކިކުރާ ހުރިހާ މީހުނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ދައުލަތެއް ނޫންކަންވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރުގެ މި ވާހަކައާމެދު ބައެއް ފަރާތްތަކުން ތާއީދު ކުރިއިރު އާންމު ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުންވެސް ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ