ވީޑިއޯ ކޮންފަރެންސް ޝަރީއަތާ ގުޅޭ ސުޕްރީމް ކޯޓުގެ ނިންމުމަށް ޕީޖީގެ ތައުރީފު
ކޮވިޑް-19 ވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ހާލަތުގައި ކޯޓުތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އެކުލަވާލި ގަވާއިދު ފުރިހަމަ ކަމަށް ވިދާޅުވެ، އެ ނިޒާމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ތައުރީފު ކުރައްވައިފިއެވެ. ކޯޓުތައް ބަންދުކޮށްފައި ހުންނަ ދުވަސްވަރު އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދެއް އެކުލަވާ ސުޕްރީމް ކޯޓުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަބީ ކޮވިޑް-19 އާ އެކު އުޅެން ދަސްކުރަންޖެހޭ ކަމަށާއި އަދުލުގެ ނިޒާމުވެސް އެކަން ކުރަންޖެހިފައިވާ ކަމަށެވެ. "ސުޕްރީމް ކޯޓުގެ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް،" ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ މި އަހަރުގެ ތެރޭގައި ޕީޖީ އޮފީހުގައިި ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް ބަހައްޓާނެ ކަމަށެވެ. އޭރުން ހަރަދު ކުޑަވުމުގެ އިތުރުން މަސައްކަތް އަވަސްވާނެ ކަންވެސް ޕީޖީ ފާހަގަކުރެއްވިއެވެ. https://twitter.com/HuShameem/status/1248214159184900098 ސުޕްރީމް ކޯޓުން އާންމުކޮށް މިހާރު އަމަލުކުރަންފަށާފައިވާ ގަވާއިދަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެއީ އެހެން ކޯޓުތަކުން އަމަލު ކުރަން ޖެހޭ ގޮތް ސުޕްރީމް ކޯޓުން އެންގުން ކަމަށާއި، ސުޕްރީމް ކޯޓުން އެހެން ކޯޓުތަކަށް ބާރު ފޯރުވުން ކަމަށެވެ. އަދި ވަގުތުން ވަގުތުން އެ ސާކިއުލާ ބާތިލުކުރަން ޖޭއެސްސީއަށް އަންގަން ޖެހޭ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން އެކުލަވައިލި ހާއްސަ ގަވައިދުގައި ވަނީ ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ހާލަތްތަކާއި، ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް އިންތިޒާމު ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، އަޑުހުއެންތައް ކުރިއަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތައް ބޭއްވޭނެ އަށް ހާލަތެއް އެ ގަވާއިދުގައިވެއެވެ. ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮއްވައި، އެކަމާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަަކައި، ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބޭއްވޭނެ ކަމަށް އެ ގަވައިދުގައި ބުނެއެވެ. އަދި އެފަދަ ހާލަތެއްގައި ދިފާއީ ވަކީލުންވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބާއްވަން އެދޭ ނަމަ ދިފާއީ ވަކީލުންވެސް ވަކި ތަނެއްގައި ތިބެގެން އަޑުއެހުން ބޭއްވޭނެއެވެ. އެ ހާއްސަ ގަވައިދަށް އަމަލު ކުރަން ފެށުމާ އެކު ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ ހަ ވަނަ ބާބަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ