އިތާ މުތްތަކެއްފަދަ ޖަޒީރާ މި ރާއްޖޭގެ އިޤުތިޞާދުގެ ރަންބިސް އަޅާ ކުކުޅަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ދޮންވެލި ގޮނޑުދޮށްތަކާއި ފެހިކަން ގަދަވި ރަށްތަކުގެ ރީތިކަން ވިއްކައިގެން ލިބޭ އާމްދަނީ އެއްދުވަހުން އަނެއް ދުވަހަށް މިދަނީ އިތުރުވަމުންނެވެ. ބޭރު ފައިސާ އެންމެ ގިނައިން ވަންނަ ދޮރޯއްޓަށް ފަތުރުވެރިކަން ވެފައިވާއިރު އަހަރުމެން މި ސިނާއަތު ބޭރު ދުނިޔޭގައި ވިއްކަނީ “ދި ސަނީ ސައިޑް އޮފް ލައިފް” ގެ ޓެގްގައެވެ. ބޭރު ދުނިޔެއަށް ރާއްޖެ ސިފަވަނީވެސް އެހެނެވެ. ނަމަވެސް އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ހާލު ހުރީ ކިހިނެތްތޯ ބަލައިލަނީ ކިތައް މީހުން ހެއްޔެވެ؟ ނުވަތަ “ދި ސަނީ ސައިޑް އޮފް ލައިފް” ގެ ފަރުދާ ކަޝްފުކޮށްލައި އެ ސިނާއަތުގައި ކަންކަން ހުރި ނެތްގޮތް ބަލައިލަމާ ހެއްޔެވެ؟
އެންމެ ފުރަތަމަ ސްޓާފުން ބައިތިއްބާ ކޮޓަރިތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ ބައެއް ރިސޯޓުތަކުގައި އެއް ކޮޓަރީގައި ދިހަ ބާރަ މީހުން ނިދަން ޖެހޭ ރިސޯޓްތައް އެބަ ހުއްޓެވެ. އެއިން ބައެއް ކޮޓަރި ތަކުގައި އެ ހުރިހާ އެންމެން ބޭނުންކުރަން ދެ ފާހާނާ ހުންނައިރު ބައެއް ރިސޯޓްތަކުގައި އެފަދަ ކޮޓަރި ތަކުގައި އެންމެ ފާހާނާއެއް ހުންނަ ރިސޯޓްތައްވެސް މަދެއް ނޫނެވެ. މި ދަންނަވަނީ ދިވެހިން އާމްދަނީ ހޯދުމަށް އަނބިދަރީން ދޫކޮށް ރިސޯޓްތަކުގައި ނިދާ ކޮޓަރިތަކުގެ ވާހަކައެވެ. ފާހާނާ ކުރުން އެހާ ދަތިއިރު، ބައެއް ކޮޓަރި ތަކަކީ ސައިޒުގެ ގޮތުން ކުދި ކޮޓަރިތަކެވެ. އޭސީ ކުރުމަކީ އަދާ ކުރާ ވަޒީފާގެ “ރޭންކާ” ގުޅިފައި އޮންނަ ކަމެކެވެ. އިދާރީ ނުވަތަ އޮފީސް މުވައްޒަފުންނަށް އޭސީ ރޫމާ ދޭއިރު އެންމެ ބުރަ މަސައްކަތް ކުރާ ރޫމް ބޯއީންނާއި ވެއިޓަރުންގެ ކޮޓަރިތަކުގައި އޭސީއެއް ނުހުރެއެވެ. މީހުން ދިރިއުޅޭ ވަރު މަދުވެފައި ކޮޓަރީގެ ފެންވަރު ރަނގަޅުވާން އެދޭނަމަ މަޤާމު މަތިވަންދެން ކެތް ކުރަންވީއެވެ.
ކެއުމުގެ ކަންކަން ހުންނަ ގޮތުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ކާން ހުންނަ އެއްޗެއް އަރު ތެރެއިން ފޮނުވާލުން ވާނީ ދަތިކަމަކަށެވެ. “ބަންގާޅު” ކެއުން ނޫނިއްޔާ ލިބޭކަށް ނުހުންނާނެއެވެ. ދިވެހިން ގިނަވިޔަސް ދިވެހި ވަންތަ ކެއުން ހުންނާނީ ހުކުރު ނުވަތަ ހާއްސަ ދުވަސްދުވަހުއެވެ. ރޮށި ލިބޭނީ ކިއުގައި ޖެހިގެން “އެސްޓީއޯ” ރޭޓުންނެވެ. ބައެއް ރިސޯޓްތަކުގެ މުވައްޒަފުން މާލެއިން (މާލެ ކައިރި ރިސޯޓްތަކުން) ރޮށި ގެންގޮސްގެން ރޯދަވީއްލާ ނުވަތަ ހާރުކާތަންވެސް ފެނެއެވެ. ހަވީރު ހެދިކާ ހުންނަ ދުވަހެއް ވިއްޔާވެސް ހާލަތަކީ މިއީއެވެ. ކިއުގައި ޖެހިގެން ދާއިރު ލިބޭނީ ދެ ހެދިކާއެވެ. ތަފާތު ކުރުން އިންތިހާއެވެ. ކެފެޓީރިއާގައި މަސައްކަތްކުރާ މީހުންގެ ރައްޓެހިންނަށް ނުފޫޒު ބޭނުން ކޮށްގެން މިކަމުގައިވެސް ނާޖާއިޒު ފައިދާ ނަގާކަމީ ހަގީގަތެކެވެ. އާދައިގެ މުވައްޒަފުންނާއި މަތީ ފަންތި ވަކިކޮށް ދެ ކެފެޓީރިއާ ހުންނަ ރިސޯޓްތައްވެސް މަދެއްނޫނެވެ. މޮޅު މީހާއަށް މޮޅު ގޮތެވެ.
ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ޒުވާނުންނެވެ. ކޮންމެވެސް ކުޅިވަރެއް ކުޅޭ ފުރައިގެ ނޫކަށި ޒުވާނުންނެވެ. ނަމަވެސް އެމީހުން ބޭނުންވާ ކުޅިވަރު ކުޅޭނޭ ވަޞީލަތްތައް ބައެއް ރިސޯޓްތަކުގައި ނުހުރެއެވެ. އިންޑޯ ކުޅިވަރު ކުޅޭނޭ އިންތިޒާމް ނުހުންނަ ރިސޯޓްތަކާއި ފުޓްސަލް ނުވަތަ ފުޓްބޯޅަ ކުޅެވޭނޭ ގޮތްތައް ނެތް ރިސޯޓްތައްވެސް މަދެއް ނޫނެވެ. ކަސްރަތު ކޮށްލާނެފަދަ ވެސް ނުހުރެއެވެ. ހުއްޓެއްކަމަކު ނުފޫޒުގަދަ މީހުންނާއި ދުވަސްވީ މީހުންގެ “ނުހޮރުއްޕާނާ” ހުރެ ކުޅިވަރެއް ނުކުޅެ ނުވަތަ އާޚިރުގައި ރިސޯޓް ދޫކޮށްލަނީ ކިތައް ކިތައް ޒުވާނުންތޯއެވެ؟
މި ސިނާއަތަކީ އެންމެ ގިނަ ބޭރު ފައިސާ ވަންތަ ސިނާއަތަށްވެފައި ކޮންމެ ރިސޯޓެއްގައިވެސް ސާވިސް ޗާޖް ދިނެއްކަމަކު ދޭ އުޞޫލަކީވެސް އަރަތެއް ކަހަލަ ކަމެކެވެ. އޮކިއުޕެންސީ 80 ޕަސަންޓްން ނައްޓައިގެން ނުދާއިރުވެސް، އަދި “ހެސްކިޔާފަ” އަހަރުގެ ހުރިހާ ދުވަހަކު ގަނަ ތެޅި ހުޅުނބު ފައިބައިގެން މަސައްކަތް ކުރީމާވެސް ސަވިސް ޗާޖަކުން އެކަމެއް ހިލަމެއް ނުވެއެވެ. އޮފް ސީޒަނާއި ސީޒަނާއި ދެމެދު 100 ޑޮލަރެއްހާ ފަރަގު އަންނަ ރިސޯޓްތައްވެސް ހުރެއެވެ. ދުވަހެއްގެ ކޮޅުން 500 އިން މައްޗަށް ނާރާ ރިސޯޓްތައް އަދި މާގިނައެވެ. ސަވިސް ޗާޖް ބޮޑުނަމަ މުސާރަ އެހާ ކުޑަވާނެއެވެ. ވަކި ވަރެއްގައި ސަވިސް ޗާޖް ހިފަހައްޓާފައި ހުންނަ ރިސޯޓުތައްވެސް މަދެއްނޫނެވެ. އެއިރު މުވައްޒަފުން މިހިރަ އަވަދިވަނީއެވެ. އެއްކަލަ “ސަނީ ސައިޑް އޮފް ލައިފް” ދެއްކުމަށެވެ. ވެރިން އަޗާތަޅަނީއެވެ.
ދެން އޮތީ ވަޒީފާގެ ކުރިއެރުމުގެ ވާހަކައެވެ. ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިނަމަވެސް، ވަޒީފާގެ ކުރިއެރުން ލިބުމަކީ އުނދަގޫ ކަމެކެވެ. ނުފޫޒުގަދަ މީހުންގެ ސަބަބުންނެވެ. ވަޒީފާގެ ކުރި އެރުން ލިބެނީ ބޮޑުންގެ ފައިގައި “ދޫލައި” އެހެން މީހުން ބުރަ މަސައްކަތް ކުރީމާ ފޮނިކޮޅު ބޯލާ މީހުންނަށް އެކަންޏެވެ. ވަޒީފާވެސް ދެނީ މިބީދައިންނެވެ. އިސް މަގާމުތަކުގައި އުޅޭ މީހުންގެ ގާތް މީހުންނާއި ރައްޓެހީންނަށް ވަޒީފާ ދިނުމަކީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ.
ޗުއްޓީއަށް ރަށަށް އައުމަކީ ވޭން ހުރި ކަމެކެވެ. އަހަރު ފެށޭއިރު ބައެއް ރިސޯޓްތަކުގައި ލީވްޕްލޭން ހެދިއެއްކަމަކު އެ ޕްލޭން އޮންނަ ތާކު ޕްލޭން އޮންނަނީއެވެ. ޗުއްޓީއާއި އޮފް ދުވަސްތައް ދެނީ ހިތަށް އެރި ގޮތަކަށެވެ. ބޮޑުން “ބޯއީން” ގޮތަށް އުޅޭ ކުދިންނަށް މިކަމުގައިވެސް ފަސޭހައެވެ. އާއިލާ ކައިރިއަށް އަހަރީ ޗުއްޓީއަށް ދާން އެދުމުން ބޭނުންވާ ތާރީހަށް ހަމަޖައްސައި ނުދިނުމާއި ކިތަންމެ މުހިންމު ކަމެއް ދިމާވެގެން ބުނި ނަމަވެސް އަޅާ ނުލުމަކީވެސް ފެންނަ ކަންކަމެވެ. މިކަމުގެ ސަބަބުން އާއިލީ މައްސަލަތައް ޖެހި ރޫޅިފައިވަނީ ކިތައް ކިތައް އާއިލާ ތޯއެވެ؟
ރަމަޟާން މަސް ފެށުމުގެ ކުރިން ކޮންމެ މުވައްޒަފަކަށް ދޭން ޖެހޭ އެލަވަންސް ނުދޭ ރިސޯޓްތައްވެސް ބައިވަރެވެ. ޤަވާއިދުން މުސާރަ ނުދޭ ރިސޯޓްތައްވެސް އެބަ ހުއްޓެވެ.
މިހެން ކަންކަން ދިމާވަނީ ނާޤާބިލް މީހުން ރިސޯޓްތަކުގެ އިސް މަޤާމުތަކުގައި ތިބޭތީއެވެ. ރަނގަޅު ނިޒާމެއް ފެންވަރު ބެލުމުގައި ރިސޯޓްތަކުގައި ނުގެންގުޅޭތީއެވެ. މުވައްޒަފުންގެ ޝަކުވާ ނާހާތީއެވެ. އިންސާނީ ވަޞީލަތަކީ ކިހާ މުހިންމު އެއްޗެއްކަން އެ ފަރާތްތަކުން ބަލައި ނުގަންނާތީއެވެ.
ދެން ކުރާނެ ސުވާލަކީ މިކަންކަމާ ދެކޮޅަށް ކަމެއް ނުކޮށް ހަމަ ތިބެނީ ހެއްޔެވެ؟ ޖަވާބުވެސް ސާފެވެ. އިންސާފަށް އެއްޗެއް ބުނާ މީހާ އަށް ޖެހެނީ ފޮށި ތަންމަތި ހިފައިގެން ރަށަށް ދާށެވެ. ވަޒީފާގެ ރައްކާތެރިކަންވަނީ ގެއްލިފައެވެ. މިކަހަލަ މައްސަލަތައް ފާހަގަ ކުރިނަމަވެސް އަހާނޭ ކަންފަތެއްނެތެވެ. ކޮންމެ ކޮންމެ މީހަކީ އެމްޕްލޯއިމަންޓް ޓްރިބިއުނަލް ގައި މައްސަލަ ޖައްސާ މީހެއް ނޫނެވެ. އެކަމުގައިވެސް ހުންނަ ތަކުލީފެއްގެ ބޮޑުކަމުންނާއި ހޭދަވާދުވަސްތަކުގެ ސަބަބުންނެވެ.
މި ދެންނެވީ ހުރިހާ ރިސޯޓެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ރަންބިސް އަޅާ ކުކުޅުގެ ބައެއް ރިސޯޓްތަކުގެ ވާހަކައެވެ. ” ދި ސަނީ ސައިޑް އޮފް ލައިފް” ގެ ފަރުދާގެ ފުރަގަހެވެ. ދައްކަން ޖެހޭ ވާހަކަތަކެކެވެ. މިހާރުން މިހާރަށް ހައްލު ކުރާންޖެހޭ ބޮޑެތި މައްސަލަތަކެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ފަރުދާގެ އަނެއް ފަރާތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ