ވޯޓު އަލުން ގުނުމުން 110 ވޯޓުން ގާސިމް ގޮނޑި ދިފާއު ކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްްވި މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ދާއިރާގެ މިހާރުގެވެސް މެމްބަރު، ގާސިމް އިބްރާހީމް 110 ވޯޓުގެ ފަރަގަކާއެކު ގޮނޑި ދިފާއު ކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން އެ ކޮޮމިޝަނުން މިއަދު ވަނީ އެ ދާއިރާގެ އދ. ފެންފުށީގައި ބެހެއްޓި އެއް ވޯޓު ފޮށި އަލުން ގުނާފައެވެ. އެ ވޯޓު ފޮށި އަލުން ގުނުމުން ގާސިމަށް 18 ވޯޓު އިތުރުވި އިރު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަ ކުރެއްވި އަލީ އަމީޒަށް 11 ވޯޓު އިތުރުވި އެވެ. މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގާސިމަށް 1،163 ވޯޓު ލިބުނު އިރު، އަމީޒަށް ލިބުނީ 1،057 ވޯޓެވެ. ލޭބާ ޕާޓީގެ ޓިކެޓްގައި ނިކުންނެވި އަހްމަދު އިބްރާހީމަށް ލިބުނީ 24 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 67 އެކެވެ. އިލެކްޝަންސް ކޮމިޝަނުން ރޭ ވެސް ވަނީ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއް ގުނާފައެވެ. އެއީ މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮއްޓެވެ. އެ ތިން ވޯޓު ފޮށި ގުނި އިރު، ގާސިމަށް 64 ވޯޓު ވަނީ އިތުރުވެފަ އެވެ. އަދި އަމީޒަށް ވަނީ 45 ވޯޓު އިތުރު ވެފަ އެވެ. ދެ ފަހަރެއްގެ މަތިން މާމިގިލީ ވޯޓު ފޮށިތައް އަލުން ގުނުމުންވެސް އެ ދާއިރާގެ ގޮނޑި ގާސިމް ކާމިޔާބު ކުރައްވާފައިވާ އިރު، މިއީ ގާސިމް މާމިގިލީ ދާއިރާގެ މަޖިލިސް އިންތިޚާބު ގާސިމް ކާމިޔާބު ކުރެއްވި ތިން ވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ