ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ހުށަހަޅާފައެއް ނެތް – ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ފިޔަވައި އެހެން ފަނޑިޔާރެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ރިޝްވަތު ނަގައިގެން ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރު ބާތިލް ކުރި ތިން ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވާނެ ކަމަށް އާއްމު ފަރާތަކުން ރޭ މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް ޖޭއެސްސީ އިން ވަނީ މިއަދު އެކަން ދޮގުކޮށްފައެވެ.
"ސުޕްރީމް ކޯޓުގެ އިތުރު އެއްވެސް ފަނޑިޔާރަކާ ގުޅޭ މައްސަލައެއް އަދި ޖޭއެސްސީއަށް އަދި ޖޭއެސްސީއަށް ހުށަހެޅިފައި ނުވާ ކަމުގައި ދެންނެވިން." ޖޭއެސްސީއިން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އާދަޔާއި ހިލާފު އަމުރު ބާތިލް ކުރީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ އޭރު ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޙުކުމް ތަންފީޒުކުރުމަށް ޖަލުގައި ޤައިދީންގެގޮތުގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުންތަކެއް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
އެއަމުރު ނެރުނީ އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު ޢަލީ ހަމީދު ރިޝްވަތު ނަގައިގެން ކަމަށް ސަރުކާރުން ވިދާޅުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެދެބޭފުޅުން ހައްޔަރު ކުރިއެވެ. އެބޭފުޅުން މިހާރު ވެސް ގެންދަވަނީ އެމައްސަލައިގައި އިއްވި ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ