ހުޅުމާލޭގައި މައްސަލަ ދިމާވި އިންޖީނުގެ މަރާމާތުކޮށްފި

ރޭ ހުޅުމާލޭގެ ކަރަންޓްގެ މައްސަލަޖެހެން ދިމާވި އިންޖީނުގެ މައްސަލަ ހައްލުކޮށްފިއެވެ. ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރޭ ކަރަންޓްގެ މައްސަލަ ދިމާވީ ހުޅުމާލޭގައި ކުރިއަށް ގެންދާ ފަސް ވަނަ ޕަވާ ޕްރޮޖެކްޓުގެ ދަށުން ހިންގާ ހަ އިންޖީނުގެ ތެރެއިން އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ އިންޖީނަކީ ހުޅުމާލޭގައި ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކަރަންޓް ދެމުންގެންދިޔަ އިންޖީނެއްކަމަށްވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ. ރޭ މުޅި ހުޅުމާލެއިން ކަރަންޓް ގޮސް، ކަރަންޓް އަލުން ފޯރުކޮށްދިނީ ދެ ގަޑިއިރު ފަހުންނެވެ. ސްޓެލްކޯއިން ކުރިއަށް ގެންދާ ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ އިންޖީނުގޭގެ މަަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އާ އިންޖީނުގެ ނިމުމުން މުޅި ހުޅުމާލެއަށާއި ހުޅުމާލެ ދެވަނަ ފިޔަވައްސަށްވެސް އެތަނުން ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. ސްޓެލްކޯއިން ބުނީ ހުޅުމާލޭއިން މިހާރު އެވުރެޖްކޮށް ބޭނުންކުރަނީ 13 މެގަވޯޓްގެ ކަރަންޓް ކަމަށާއި އަދި އާ އިންޖީނުގެއިން 50 މެގަވޯޓްގެ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ފަސް އަހަރު އެއްވެސް ދައްޗެއް ނެތި ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ