ހިރިލަންދޫ ފިހާރައަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

ތ. ހިރިލަންދޫ ފިހާރައަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހިރިލަންދޫ ފިހާރައަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ އެރަށު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެކެވެ.
ފެބުރުވަރީ 16ވަނަ ދުވަހުގެ ރޭ ހިންގި މިއަޕަރޭޝަންގައި މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އެމީހުން އަތުން ފެނިފައިވެއެވެ.  އަދި މިމީހުން ވައްކަން ކޮށްފައިވާ ކަމަށް ބެލެވޭ ސަރަޙައްދު ބަލައިފާސްކުރި އިރު އެސަރަޙައްދުންވެސް ފައިސާ ފެނިފައިވެއެވެ. މި ފައިސާގެ ޖުމްލަ އަދަދަކީ 2445 ރުފިޔާއެވެ. މީގެއިތުރުން 31 އަހަރު މީހާ ދިރިއުޅޭ ގެ، އެގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލަފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި އެގޭގައި ހުރި ގުދަނެއްގެ ތެރެއިން ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ތ.ވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.
މި މައްސަލަ ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ