ސަޕްލިމެންޓަރީ ބަޖެޓް: ބޮޑު ބައެއް ބަޖެޓް ކޮންޓިންޖެންސީ އަދި އެސްއެމްއީ ތަރައްގީއަށް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ތެރެއިން ބޮޑު ބައެއް ބަޖެޓް ކޮންޓިންޖެންސީ އަދި އެސްއެމްއީއަށް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް ބަޖެޓުގެ ތަފްސީލު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ބަޖެޓުގައި މިހާރު ހިމެނިފައިނުވާ ކަމަކަށް ހަރަދު ކުރަން ޖެހިދާނެ ކަމަށް ބަޖެޓް ކޮންޓިންޖެންސީގެ ގޮތުގައި 225 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.
އަދި އެސްއެމްއީ ކޯޕަރޭޝަނަށް ކެޕިޓަލްގެ ގޮތުގައި 350 މިލިއަން ރުފިޔާ ހިމަނާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހިދުމަތްތައް އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީގެ ގޮތުގައި 189.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދަތުރުފަތުރުގެ އަގު ހެޔޮކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނަށް ދޭ 35 މިލިއަން ރުފިޔާ އާއި ކަރަންޓު އަގުހެޔޮ ކުރުމަށް ސަރުކާރު ކުންފުނިތަކަށް ދޭ 24.4 މިލިއަން ރުފިޔާ އަދި އާމްދަނީ ދަށް ވުމުގެ ސަބަބުން އެމްޑަބްލިއުއެސްސީއަށް ދޭ 130 މިލިއަން ރުފިޔާއެވެ.
ސަޕްލިމެންޓަރީ ބަޖެޓުން ދެން އެންމެ ބޮޑު ބައެއް ދިނުމަށް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ.
އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހޮސްޕިޓަލް ތަރައްގީ ކުރުމަށް 309 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ގާއިމްކޮށް ރަނގަޅު ފެންވަރުގެ ހިދުމަތް ދޭން ފެށުމުން މާލެއަށް ޑޮކްޓަރަށް ދެއްކުމަށް މީހުން އަންނަ މިންވަރު މަދުވެ އައިޖީއެމްއެޗަށް ލިބޭ ބުރަ ކުޑަވެގެން ދާނެ ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ހަޔާ އެޑިއުކޭޝަނަށް މިނިސްޓްރީއަށް ވެސް 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ލޯނުގެ އިތުރުން ހިލޭ ޑިގްރީ ވައުދު ފުއްދުމަށް ކަނޑައަޅާފައިވާ ފައިސާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާތަނަށް ބަޖެޓު ކުރެވިފައިވާ ހުރިހާ މަސައްކަތެއް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ