އިންޑިއާއާއި ޕާކިސްތާން މައްސަލައަށް ސުލްހަވެރި ހައްލެއް މުހިއްމު: ޝާހިދު

ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލައަށް ސުލްހަވެރި ހައްލެއް މުހިއްމުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއެޖެ އެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަހްދޫމް ޝާހް މަހްމޫދު ގްރޭޝީއާ މިއަދު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކާގައި ކަޝްމީރުގެ މައްސަލާގައި ރާއްޖެއިން ދެކޭގޮތް ހާމަކުރެއްވި ކަމުގައެވެ. އަދި އެމައްސަލާގެ އެންމެ ފަހުގެ މައުލޫމާތު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހިދުއަށް ދެއްވިކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ޕާކިސްތާނާއި އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް ރަޙުމަތްތެރި ދެ ގައުމުކަމަށާއި، އެހެންކަމުން ދެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުން މުހިއްމުކަމަށް ޝާހިދު ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކަޝްމީރަށް ދީފައިވާ ޝަހްސީ މިނިވަންކަން ކަނޑައަޅާފައިވާ އިންޑިއާގެ ޤާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާހިލީކަމެއްކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށްވެސް ޝާހިދު ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ޕާކިސްތާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަގީންކަން ދެއްވިކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ