ޖޭޕީ ބަލިވީ އެމްޑީޕީން ފައިސާ ބެހީމަ: ގާސިމް

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެމްޑީޕީން އެންމެ ފަހު ދުވަހު ވާރޭފެންހެން ފައިސާ އޮއްސުމުން ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ "ވަގެއް"ގެ އަތުގައި ހިފުމުން ކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު، އެޕާޓީގެ ކައުންސިލް ވަޓްސް އެޕް ގުރޫޕްގައި ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ގާސިމް ވަނީ ބޮޑެތި ތުހުމަތު ތަކެއް އެމްޑީޕީއަށް ކޮށްފައެވެ. އަދި އެޕާޓީއަށް ނާކާމިޔާބުވީ އެމްޑީޕީން ފައިސާ ބެހުމުގެ އިތުރުން މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ޖޭޕީ އަށާއި އެޕާޓީގެ މީހުންނަށް އަދި ގާސިމަށް އެއްޗެހި ގޮވުމުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ 2009 ވަނަ އަހަރު އެއްވެސް ޕާޓީއަކާއި ނުގުޅި 30 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ޖޭޕީން ޓިކެޓުދީ ބޮޑު ހަރަދެއް ކުރިނަމަވެސް ހޮވިވަޑައިގަތީ އެމަނިކުފާނު އެކަނި ކަމަށާއި އެއީ ކިހިނެއްވީ ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
ވާހަކަތަކެއް ދެކުމުން ނުސިހޭނެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ވަޓްސްއެޕް ގުރޫޕްގައި ތިބި ފަރާތްތަކުން ނިމިދިޔަ އިންތިހާބު ކާމިޔާބު ކުރުމަށް ކޮށްދެއްވި އެއްވެސް ކަމެއް ނެތްކަމަށް ވެސް ވިދާޅުވެފައެވެ.
އިއްޔެ ބޭއްވުނު މަޖިލިސް އިންތިހާބަށް ޖޭޕީން 41 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފައިވާއިރު އިންތިހާބު ކާމިޔާބު ކުރެވުނީ އެންމެ ހަތް ކެންޑިޑޭޓުންނަށެވެ. އަދި އެމްޑީޕީން 81 ދާއިރާއަކަށް ވާދަކޮށް 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ މިވަނީ ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ