އަމީރު އަހުމަދު ތަރައްގީކުރަން އައިލެންޑާސްއާ ހަވާލުކުރަނީ

މަދަރުސަތުލް އަމީރު އަހުމަދު ތަރައްގީ ކުރުމަށް ހުޅުވާލި ބިޑު އައިލެންޑާސް ގުރޫޕުން ކާމިޔާބު ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ އެ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އަމީރު އަހުމަދު ތަރައްގީ ކުރުމަށް ފަސް ފަރާތަކުން ބިޑު ހުށަހެޅި ކަމަށެވެ. އެކަމަކު އައިލެންޑާސް އިން ބިޑު ކާމިޔާބު ކުރީ، އަންނަ އަހަރު ފެށުމުގެ ކުރިން އެ ސްކޫލު ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އެ ސްކޫލުގެ މެނޭޖްމަންޓް ބަދަލުވި ނަމަވެސް، އެ ތަން ހިންގާނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
ބިލަބޮންގް ސްކޫލާއި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް ގުރޫޕުގެ ޗެއާމަން މަހްމާ އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ އަންނަ އަހަރު ފެށުމުގެ ކުރިން އެ ސްކޫލަށް އުމްރާނީ ތަރައްގީ ގެނައުމަށެވެ. އެގޮތުން އަމީރު އަހުމަދު ޕްރީ ސްކޫލު ތަޅާލައި، ޒަމާނީ ފެންވަރަށް ދެ ބުރިއަށް އެ ތަން އިމާރާތްކޮށް، ކުޅޭ ބިމެއް ތަރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރު އަމީރު އަހުމަދުގައި ގްރޭޑް 1 ތައާރަފް ކުރާނެ ކަމަށް ވެސް އަބްދުއްރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް އިމާރާތްކުރާ ޕްރީ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އަތުން އިތުރު ފީއެއް ނުނަގާނެ ކަމަށާއި، މިހާރު އެތަނުގައި ކިޔަވަމުން އަންނަ ކުދިންނަށް އަންނަ އަހަރު ވެސް އެ ސްކޫލުން ޖާގަ ދޭނެ ކަމަށެވެ. އެކަމަކު އަމީރު އަހުމަދާއި ހެންވޭރު އަވަށު އޮފީސް ހުންނަ ބްލޮކްގައި ގްރޭޑް 1 އަށް ކްލާސް ރޫމު އަޅާއިރު، އެތަނުގައި ކިޔަވާ ކުދިންގެ އަތުން ފީ ނަގާނެ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
އައިލެންޑާސް ގުރޫޕުން ބުނިގޮތުގައި އިތުރު ފީއެއް ނުނަގައި، ޒަމާނީ ފެންވަރަށް އާ އިމާރާތެއް އަޅައި މަތީ ފެންވަރަށް ކިޔަވައިދޭ ނަމަ ގެއްލުންތަކާ ކުރިމަތިވާނެ އެވެ. އެކަމަކު މި ގެއްލުމުގެ ބަދަލު ހޯދުމަށް ސިޓީ ކައުންސިލްގައި އެދިފައި ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަބްދުއްރަޝީދު ވިދާޅުވި އަމީރު އަހުމަދުގެ އުތުރު ފަރާތު ބްލޮކް ތަޅާލައި އެތަނުގައި ފަސް ބުރީގެ އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިމާރާތް ކުރުމަށް ހަމަޖައްސާފައިވާ އެ ތަނުގައި ހިންގާނީ ކެންގަރޫ ކިޑްސްގެ ޕްރީ ސްކޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ގިނަ ކުދިންތަކަކަށް ޖާގަ ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިލެންޑާސް އިން ހިންގަމުން އަންނަ ބިލަބޮންގް ސްކޫލާއި ކެންގަރޫ ކިޑްސްގައި ހާހަކަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ