މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށް، އެ އިންތިހާބު އަލުން ބޭއްވުމުގެ އަމުރަކަށް އެދި ޖުމްހޫރީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ ޖޭޕީން ހުށަހެޅި މައްސަލައަށް ތަދައްހުލްވުމަށް އެމްޑީޕީން ނިންމީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތާއީދު އޮތް ބޭފުޅަކީ އެ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ވެފައި އިންތިހާބާ ގުޅޭ މައްސަލައެއްގައި އެ ޕާޓީގެ ވެސް މަސްލަހަތު އޮންނާތީ ކަމަށެވެ.
"އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ފަރާތަކީ ވެސް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު. އެހެންވީމާ އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓުގައި ކުރިއަށްދާ އިރު އަޅުގަނޑުމެންގެ ވެސް މަސްލަހަތު އެ ކަމުގައި އޮންނާތީ ތަދައްހުލްވުމަށް ނިންމީ،" އިންތި ވިދާޅުވި އެވެ.
ވޯޓު ލީ މީހުންގެ ރަޖިސްޓްރީ ފޯރުކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޖޭޕީން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވެސް އެމްޑީޕީން ވަނީ ވަދެފަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ހައި ކޯޓުގައި ވަނީ ނިންމާލައިފަ އެވެ.
ޖޭޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނިންމައި މައްސަލަ ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން މިއަދު ވަނީ ދީފަ އެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ އެ މައްސަލައެއް ހުށަހެޅުމުގެ ހުއްދަ އަށް އެދޭށެވެ. އެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދިނުމަށް ނިންމައި އެކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވާ ކަމަށެވެ. އަދި އަސްލު މައްސަލަ ހުށަހެޅުމަށް އެ ފަރާތަށް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މައްސަލަ ވީހާ ވެސް އަވަހަކަށް ހުށަހެޅުމުން ކޯޓުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް ހުށަހަޅާ މައްސަލައެއް ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން، އެކަން އެ މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެ އެވެ. އަދި އަންގާތާ އެންމެ ލަސްވެގެން ތިން ދުވަސް ތެރޭގައި ދައުވާ ފޯމްތަކާއެކު އަސްލު މައްސަލަ ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް ކޯޓުގެ ގަވާއިދުގައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ އެ މައްސަލައެއް ދެން އެ ކޯޓުން ބަލައެއްނުގަންނާނެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް 95،224 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 53،099 ވޯޓެވެ. އަދި ޖުމްހޫރި ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 50،422 ވޯޓެވެ. ހަތަރު ވަނަ އަށް ދިޔަ ރައީސް މުހައްމަދު ވަހީދަށް ލިބިވަޑައިގަތީ 10،750 ވޯޓެވެ.
ސުޕްރީމް ކޯޓަށް ޖޭޕީން ހުށަހެޅި މައްސަލައިގެ ތެރެއަށް ވަންނަން އެމްޑީޕީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ