ގާސިމް ތުހުމަތުތަކަށް އިންކާރުކުރޭ، މުއްދަތު ޖެހުން އޮތީ މާދަން: ވަކީލުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްއަށް ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވާ ކަމަށާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގާސިމް މާދަމާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.
ގާސިމްގެ ގާނޫނީ ޓީމްގެ ފަރާތުން ވަކީލް ހިސާން ހުސެން ވިދާޅުވީ ގާސިމް ހައްޔަރުކޮށް ދޫނިދުއަށް ގެންދިޔުމާ އެކު އެމަނިކުފާނާ ބައްދަލު ކުރަން ފުލުހުންގެ މައި މަރުކަޒަށް ވަކީލުން ދިޔަ ނަމަވެސް ވަކީލުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ފުރަތަމަ ހުރަސްތައް ކުރިމަތި ކަމަށެވެ. އެހެން ނަމަވެސް އެ ކަންކަން ފުލުހުން ހައްލުކޮށްދީ ގާސިމާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާސިމް ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް ހައްޔަރު ކުރިފަހުން ވެސް ވިދާޅުވެފަ އެވެ. ހިސާން ވިދާޅުވީ ފުލުހުންގެ ތަހުގީގުގައި އަދި ގާސިމާ ސުވާލެއް ނުކުރެ އެވެ. އެހެން ނަމަވެސް ވަކީލުންނާ މާދަމާ ވެސް ބައްދަލު ކުރެވޭނެ އިންތިޒާމް ފުލުހުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
"މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައި ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ހާޒިރުކުރާނެ ކޯޓަށް. އެގޮތަށް ފުލުހުން އޮތީ ވިދާޅުވެފައި،" ހިސާން ވިދާޅުވި އެވެ.
ގާސިމް ހައްޔަރު ކުރީ މަޖިލީހުގެ މެންބަރުން ރިޝްވަތި ދިނުމުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ހަރަކާތްތައް ހިންގާ ކަމުގެ ތުހުމަތުގަ އެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލަން އުޅުނުކަމުގެ ތުހުމަތު ވެސް ފުލުހުން ވަނީ ގާސިމްގެ މައްޗަށް ކޮށްފަ އެވެ. ގާސިމް ގެންގޮސްފައި ވަނީ ފުލުހުންގެ ތަހުގީގު ރަށް ދޫނިދޫއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ