ވިލުފުށީ ސްކޫލް ޑިޖިޓަލް ކުރުމަށް 850،000ރ. ގެ އެހީއެއް ދީފި

ތ. ވިލުފުށީ ސްކޫލު ޑިޖިޓަލް ކުރުމަށް އެ ރަށު ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން 850،000 ރުފިޔާގެ އެހީއެއް ދީފި އެވެ.
ވިލުފުށީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު ވިދާޅުވީ ޗަންޕާ އާއިލާ އިން ހިންގާ އަލިފުޅު ތުއްތު ފައުންޑޭޝަނުން ދޭ 850،000ރ. އަކީ ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްގެން ކިޔަވައިދިނުމަށް ފެށި ޕްރޮޖެކްޓަށް ހަރަދުވާ ޖުމްލަ ފައިސާ ކަމަށެވެ. އެ ފައިސާ ދޭނެ ކަމުގެ ލިޔުން މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާ ކަމަށާއި، އެ ފައިސާ މާދަމާ ރަސްމީކޮށް ސްކޫލަށް ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ރާވާފައި އޮތީ މި ޕްރޮޖެކްޓަށް ބޭނުންވާނެ ކަމަށް ލަފާ ކުރި 859،000ރ. ތިން މަސް ދުވަހުގެ ފަންޑް ރައިޒިން ޕްރޮގްރާމަކުން ހޯދުމަށް. އެކަމަކު ﷲގެ އިރާދަފުޅާއެކު މި ޕްރޮޖެކްޓަށް ބޭނުންވާ ޖުމްލަ ފައިސާ އެއްކޮށް މިހާރު ވަނީ ލިބިފައި. އެހެންވެ، އަޅުގަނޑުމެން ލަފާކުރި ވަރަށް ވުރެ އަވަހަށް އަދި މާފުރިހަމަކޮށް މި ޕްރޮޖެކްޓު ނިންމާލެވޭނެ،" ނާހިދު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓަށް ފައިސާ ހޯދުމަށް ވިލިފުށީ މަސްވެރިން ވަނީ، ތިން ދުވަހު މަހަށް ގޮސްގެން 160،000 އަށް ވުރެ ގިނަ ފައިސާ ހޯދާފަ އެވެ. އަދި އެ ރަށުގެ ސަރުކާރު މުވައްޒަފުންގެ ތިން ދުވަހުގެ މުސާރަ ވެސް އެ ޕްރޮޖެކްޓަށް ވަނީ ހަދިޔާކުރަން ނިންމައިފަ އެވެ. އޭގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން އެ ސްކޫލުގައި ޓީޗާ ރިސޯސް ސެންޓަރެއް ހެދުމަށް އެ ރަށު ކައުންސިލުން ވެސް ވަނީ 169،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ