ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ވެރިކަމަށް ވަޑައިގަތުމަށް ހުރަސްއެޅުއްވުމުގެ ގޮތުން އެމަނިކުފާނާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން އެ ކޯޓްގެ ފަނޑިޔާރަކު ވިދާޅުވި ކަމަށާއި އެކަމުގެ ޝަކުވާ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒަށް ހުށަހަޅުއްވާފައިވާނެ ކަމަށް ކުރީގެ ޖެންޑަ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއްގައިކަމާއި ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަށް ކަން ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައި ނުގަތުމުން، އެކަމާ ގުޅޭ ގޮތުން ދިޔާނާ ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅަން ވިސްނަވާ ކަމަށެވެ. ނަމަވެސް އެ ކޯޓުގެ ފަނޑިޔާރަކު ނަޝީދާ މެދު "ޒާތީ ތައައްސުބު" އޮތުމުން ނަޝީދަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަނޑިޔާރު ބެންޗްގައި އިންނަވައިގެން ހުޅުމާލޭ ކޯޓު ސައްހަކަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރަށް ލިއުމުން އުފުއްލެވި ޝަކުވާއާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް މިހާތަނަށް ލިބިވަޑައިގެންފައި ނެތް ކަމަށް ދިޔާނާ ވިދާޅުވި އެވެ.
"އެ މައްސަލަ ބައްލަވާ ކަމެއް، ބައްލަވަމުންދާ ކަމެއް، އެފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނެތް،" ދިޔާނާ ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓްގެ މައްސަލަ ނަޝީދާ ގުޅޭ ކަމަށާއި ނަޝީދާ މެދު ޒާތީ ގޮތެއް އޮތް ފަނޑިޔާރަކު އިންނަވައިގެން އެ މައްސަލަ ނިންމެވުމަކީ އަދުލުވެރި ނިންމުމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ފަނޑިޔާރަކީ ކާކު ކަމެއް ދިޔާނާ ވިދާޅެއް ނުވެ އެވެ.
ނަޝީދާ ދެކޮޅަށް ހުށަހަޅަންވީ ދެ މައްސަލައެއްގެ ވާހަކަ އެ ފަނޑިޔާރު ވިދާޅުވި ކަމަށާއި އޭގެ ތެރޭގައި އުވިދިޔަ ރައްޔިތުން މަޖިލީހުގައި ތިއްބެވި ރައީސްގެ އަށް މެމްބަރުން ވަކިކުރުން ހިމެނޭ ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަނެއް މައްސަލަ އަކީ ދިޔާނާ ވިދާޅުވި ގޮތުގައި، ރިޔާސީ ކެންޑިޑެސީ ބާތިލުކުރުމަށް 2008 ގައި ހުށަހެޅި ވައްކަމުގެ މައްސަލަ އެވެ.
ދިޔާނާ ތުހުމަތުކުރައްވާ ގޮތުގައި ފަނޑިޔާރު އެވާހަކަތައް ދެއްކެވީ ނަޝީދުގެ ސަރުކާރު ބަދަލުވި ދުވަސްވަރު އެ ފަނޑިޔާރުގެ ދައުވަތަކަށް އެގެއަށް ވަޑައިގަތުމުންނެވެ. ފަނޑިޔާ މެދު ޝަކުވާ ހުށަހެޅުއްވީ ހުޅުމާލޭ ކޯޓުގެ ސައްހަކަން އެ ފަނޑިޔާރު އިންނެވި ބެންޗަކުން ނިންމުމާ ގުޅިގެން ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
"ފަނޑިޔާރުކަން ކުރަން ޖެހޭނީ ތައައްސުބުން އެއްކިބާވެ ހުރެ، ވަކި ކޮޅަކަށް ނުޖެހި. އެހެންވީމާ ވަކި މީހަކު ރިޔާސީ ގޮނޑިޔަ އަށް އިޔާދަވުން ބާތިލްކުރުމަށްޓަކައި ވާހަކަ ދެއްކެވުމަކީ ތައައްސުބު ފާޅުކުރުން،" ދިޔާނާ ވިދާޅުވި އެވެ.
"އެއީ އިންސާފާއި ޝަރީއަތްކުރުމުގެ އުސޫލާ މުޅިން ހިލާފު ކަމެއް."
ނަޝީދާ ދެކޮޅަށް މައްސަލަ ހުށަހަޅަން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެދުނު: ދިޔާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ