ވ. ފުލިދޫ އަތިރިމަތިން ބޮޑު ސަރަހައްދެއް ގިރައި، ދިރާގު ޓަވަރަށް ކަރަންޓް ދޭ ކޭބަލް މޫދުގައި އޮތުމުން، އެ ސަރަހައްދުން ކަރަންޓް ކަނޑާލުމަށް ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލްގެ ރައީސް މޫސާ ފާއިޒު ވިދާޅުވީ އެ ރަށުގެ އިރުމަތީ ފަރާތުން 350 ފޫޓު ގިރައި، އެ ރަށުގައި ހުންނަ ދިރާގު ޓަވަރަށް ކަރަންޓް ދޭ ކޭބަލް ވެސް މިހާރު އޮތީ މޫދުތެރޭގައި ކަމަށެވެ. އެ ސަރަހައްދަކީ އެ ރަށުގެ ގިނަ ބަޔަކު މޫދަށް އެރުމާއި ފުޓްބޯޅަ ކުޅުން ފަދަ ކަންކަމުގައި ގޮސް އުޅޭ ސަރަހައްދަކަށްވާތީ، އާއްމުންނަށް ލިބިދާނެ ނުރައްކަލަކުން ސަލާމަތްވުމަށް މި މަހުގެ 18 އިން ފެށިގެން އެ ސަރަހައްދުގެ ކަރަންޓް ކަނޑާލަން ކައުންސިލްގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލިދޫ ގިރައި، ދިރާގު ސައިޓަށް ކަރަންޓް ދޭ ކޭބަލް މޫދުގައި: މި މަހު 18 އިން ފެށިގެން އެ ސަރަހައްދުން ކަރަންޓް ކަނޑާލަން ކައުންސިލުން ވަނީ ނިންމާފައި. --ފޮޓޯ: ފުލިދޫ ކައުންސިލް "ކަރަންޓް ކޭބަލް މޫދުގައި އޮތުމަކީ އޭގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކަލެއް ލިބިދާނެ ކަމެއް. އެހެންވީމަ ކައުންސިލުން ނިންމީ އެ ސަރަހައްދުގެ ކަރަންޓް ކަނޑާލަން. އޭރުން މުއާސަލާތީގޮތުން ވެސް ދަތިތަކެއް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ރަށް ގިރައި، ރުއްތަކާއި ަގަސްތަކުގެ އިތުރުން އަތިރިމަތީގައި ހަދާފައި ހުރި ޓޫރިސްޓުންނަށް ހާއްސަ ތަންތަނާއި ޖޯލިފަތިތައް ވެސް ވަނީ ނެތިގެން ގޮސްފަ އެވެ.
ފުލިދޫ އިރުމަތީ ފަރާތުގައި ޖަހާފައި ހުރި އެންޓަނާއެއް މޫދުގައި: އެ ރަށު އިރުމަތީ ފަރާތުން 350 ފޫޓު ގިރާފައިވާ ކަމަށް ކައުންސިލުން ބުނޭ. --ފޮޓޯ: ފުލިދޫ ކައުންސިލް ފާއިޒް ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވައިގެން ވެސް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ސިޓީތަކުގެ ޖަވާބެއް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށް ގިރުމުގެ މައްސަލަ ދިމާވާން ފެށީ 2004 ގެ ސުނާމީއަށް ފަހުގަ އެވެ.
ފުލިދޫ ގިރުމުގެ މައްސަލަ ސީރިއަސްވެ، ކަރަންޓް ކޭބަލް ވެސް މޫދުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ