ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެންކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވާ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ އަށް އަނބުރާ ވަޒީފާދޭން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ތުހުމަތުގައި ރިޝީފް ވަޒީފާއިން ވަކިކުރުމުން އޭނާ ވަނީ އޭނާގެ ވަޒީފާ އަނބުރާ ހޯދުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެހެން ނަމަވެސް އެ ކޯޓުން ހުކުމްކޮށްފައިވަނީ ރިޝީފަށް އަލުން ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ.
އެ ހުކުމް ރިޝީފްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ރޭޕްކުރެވުނު ކަމަށް ބުނާ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގައި ރިޝީފް ބައިވެރިވި ކަމަށް އެ ކުއްޖާ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިނުވާ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ބުނާ އެހެން ފުލުހުންގެ ބަޔާންތަކަށް ބަލާއިރު ވެސް އެފަދަ ކަމަކަށް ރިޝީފް ހިތްވަރު ދިންކަން ކަމަށް ނުވަތަ އަމުރުކުރި ކަމަށް ބުނެފައިނުވާ ކަމަށް ހުކުމުގައި ބުނެފައި ވެ އެވެ. އަދި އެ ހާދިސާ ހިނގި ރޭ ރިޝީފް ދިރިއުޅޭ ގޭގެ ކުރިމަތިން މަގުމަތީގައި އެ އަންހެން ކުއްޖާ ބަރަހަނާކޮށް ހުއްޓާ ރިޝީފް އައިސް އެ ކުއްޖާ އަށް ޓީޝާޓެއް ދިނުމަށްފަހު އެ ޓީޝާޓް ލުމަށް ބުނެފައި ގެއަށް އައިސް އެކަން ފުލުހުންނަށް އެންގީ ރިޝީފް ކަމަށް އޭނާ ބުނާ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
ރިޝީފް އެ އަމަލުގައި ބައިވެރިވެފައިވާނަމަ އެ ކުއްޖާ އެތަނަށް ގެނައުމަށް އޭނާގެ ދަށުން މަސައްކަތް ކުރާ ފުލުހުންނަށް އަންގާ ނުވަތަ އެ ކުއްޖާ މަގުމަތީގައި ހުއްޓާ އޭނާ އަށް ޓީޝާޓެއް ދީ އޮރިޔާން ނިވާކޮށްދީފައިވާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.
މީގެ އިތުރުން އެ ކުއްޖާއާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ކާރު ކޯޕްރަލް މުހައްމަދު ފަޔާޒާއި ރިޝީފް ހަވާލުކުރުމަކީ އެ ކުއްޖާއާ މެދު އެފަދަ އަމަލެއް ހިންގުމަށް ރިޝީފް ހިތްވަރު ދޭ ފަދަ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައި ވެއެވެ.
އެހެންކަމުން ރިޝީފަށް އޭނާ ކުރިން ހުރި ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އޭނާއަށް ވަޒީފާ ދިނުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިއަދާއި ހަމައަށް އޭނާއަށް ލިބެންވާ މުސާރަ އާއި އިނާޔަތްތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޭނާ އަށް ރައްދުކުރުމަށް ވެސް ހުކުމުގައި އަންގާފައި ވެއެވެ.
މީގެ އިތުރުން އޭނާ ވަޒީފާގެ ހިދުމަތުގައި ނެތް ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަގާމުގެ ކުރިއެރުން ލިބުމުގައި މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް އެ ހުކުމުގައި ފުލުހުންނަށް އަންގާފައި ވެއެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އަލީ ސަމީރެވެ.
ހާދިސާ ހިނގި ކަމަށް ބުނަނީ 2010 އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ހާދިސާއާ ގުޅިގެން އިތުރު ފުލުހުންތަކެއް ވެސް ވަޒީފާއިން ވަކިކުރިއެވެ. އެހެން ނަމަވެސް އެ ފުލުހުންނަށް ވެސް އެ އަލުން ވަޒީފާ ދޭން ވަނީ ހުކުމްކޮށްފަ އެވެ.
ރޭޕް ތުހުމަތެއްގައި ވަޒީފާއިން ވަކިކުރި ރިޝީފަށް އަލުން ވަޒީފާދޭން ހައި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ