ރިއާސަތު ބަލަހައްޓަވާ ބޭފުޅުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު ހިމެނިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް މަޖިލީހުގެ ޖަލްސާތަކުގެ ރިއާސަތު ބެލެހެއްޓެން ނެތް ވަގުތުތަކުގައި މަޖިލީހުގެ ޖަލްސާގެ ރިއާސަތު ބަލަހައްޓަވާ ފަސް ބޭފުޅުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު މުހައްމަދު (އުސްތާޒް އަހްމަދު) ހިމެނިއްޖެ އެވެ.
އަހްމަދު މި ފަސް ބޭފުޅުންގެ ތެރޭގައި ހިމެނުނީ، ކުރިން އެ ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިފައިވާ މުލަކު ދާއިރާގެ މެމްބަރުން އަބްދުﷲ ޔާމީން، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުން މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައި ވާތީ އެވެ.
ޔާމީންގެ ބަދަލުގައި އަހްމަދު އެ މަގާމަށް ކަނޑައެޅީ މަޖިލީހުގައި މިހާރު ތިއްބެވި އެންމެ ގިނަ ދުވަސްވީ ތިން މެމްބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށި މެމްބަރުގެ ހައިސިއްޔަތުންނެވެ.
އަހްމަދު މުހައްމަދާ އެކު، މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ އާއި ފުވައްމުލަކު މެދު ދާއިރާގެ އަބްދުﷲ މަސީހު މުހައްމަދު ވެސް މަޖިލީހުގައި 13 އަހަރާއި އަށް މަހާ 26 ދުވަސް ހޭދަކުރައްވާފައިވެ އެވެ. މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުން މި ތިން ބޭފުޅުން އެއްވަރުވުމުން އުމުރުން އެންމެ ދޮށީ ބޭފުޅަކީ އަހްމަދު ކަމަށް ވާތީ، މަޖިލީހުގެ ރިއާސަތު ބަލަހައްޓަވާ ފަސް ވަނަ ބޭފުޅަކީ އޭނާ ކަމަށް މަޖިލީހުގެ ރިއާސަތުން އަބްދުﷲ ޝާހިދު އިއުލާންކުރެއްވި އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ފިޔަވައި ޖަލްސާތަކުގެ ރިއާސަތު ބަލަހައްޓަވާ ފަސް ބޭފުޅުންނަކީ، އަހުމަދުގެ އިތުރުން ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި ވެލިދޫ ދާއިރާގެ އަލީ މުހައްމަދާއި ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހު އަދި ކެންދޫ ދާއިރާގެ އަހްމަދު ތަސްމީން އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ