ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން ހުށަހެޅީ ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގައި ހިމެނޭ ޕާޓީތައް ރޫޅާލުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
އެ ޕާޓީގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ޝާހިދު ވަނީ ޕީޕީއެމް އަށް ނިސްބަތްވާ ވަރަށް ގިނަ މެމްބަރުންނަށް "އަނިޔާވެރިވެފައި" ކަމަށާއި އެހެން ނަމަވެސް ޝާހިދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމާނީ ވަރަށް ބޮޑަށް މަސްލަހަތަށް ބެއްލެވުމަށް ފަހު ކަމަށެވެ.
"އަނިޔާ ކުރުމަކީ އެކަނި އަތުން ކުރާ ކަމެއް ނޫން. ޕީޕީއެމް މެމްބަރުންނާ މެދު ތަފާތުކުރުންތައް ވެސް ގެންގުޅެފައި އެބަހުރި ޝާހިދު. މަޖިލީހުގައި އަބްދުﷲ ޝާހިދާ ދެކޮޅަށް ވޯޓެއް ދެންޏާ އެންމެ ފުރަތަމަ ރަތް ފިތަށް ފިތާލާ މީހަކަށް ވާނެ އަޅުގަނޑު،" މަހުލޫފް ވިދާޅުވި އެވެ. "އެކަމަކު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމާނީ ޕީޕީއެމްގެ ޕީޖީގައި މަޝްވަރާ ކުރުމަށް ފަހު. ޕީޖީން ނިންމާ ކޮންމެ ގޮތަކަށް އަޅުގަނޑު ވޯޓު ދޭނަން. އަޅުގަނޑުމެންގެ މެމްބަރުން އެއަށް އަމަލު ކުރައްވާނެ. އެކަމަކު މި ދަނޑިވަޅުގައި މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނާނެ."
އޭނާ ވިދާޅުވީ އެމްޑީޕީން ބުނާ ފަދައިން މަޖިލީހުގެ ގަވާއިދާ ހިލާފަށް ޝާހިދު "އެތައް ކަމެއް" ކުރައްވާފައިވާ ކަމަށެވެ. ހާއްސަކޮށް މަހުލޫފު ވިދާޅުވީ ޝާހިދު ގިނަ ފަހަރު ކަންކަން ކުރައްވާފައި ވަނީ އެމްޑީޕީގެ މަސްލަހަތު އޮންނަ ގޮތަށް ނުވަތަ އެ ޕާޓީ އަށް ފައިދާވާ ގޮތަށް ކަމަށެވެ.
މަޖިލީހުގައި މި ވަގުތު އެމްޑީޕީ ފިޔަވައި ދެން އެއް ޕާޓީއެއްގައި އެންމެ ގިނައީ ޕީޕީއެމްގެ މެމްބަރުންނެވެ. އެ ޕާޓީގައި 17 މެމްބަރުން ތިއްބަވާއިރު ޑީއާރުޕީގައި ތިއްބެވީ 15 މެމްބަރެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ މިހާރު 32 އެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް އިއްޔެ ވައްދާފައިވާއިރު އެ ޕާޓީން ކުރާ ތުހުމަތާ ގުޅިގެން އޭނާ އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޝާހިދުގެ މައްސަލަ ހުށަހެޅީ އިއްތިހާދު ރޫޅާލަން: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ