މަޑުއްވަރީ ރައްޔިތުން ކަރަންޓާ ނުލާ 12 ގަޑިއިރު، މިރޭވެސް ކަނު އަދިރީގައި
މަޑުއްވަރިއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެ މިއަދު ހެނދުނު ކަރަންޓު ދިޔަ ގޮތަށް މިރޭ ވެސް ތިބެން ޖެހެނީ ކަނު އަނދިރީގައި ކަމަށް އެރަށު ރައްޔިތުން ބުނެފި އެވެ. މިއަދު ހެނދުނުއް ސުރެއް އެރަށަށް ކަރަންޓު ނުލިބޭއިރު، ރަށުގައި ރައްޔިތުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. އެކަމާ ގުޅޭ ގޮތުން އެރަށު ފެނަކައިގެ އެއްވެސް މީހެއްގެ ރަސްމީ ބަހެއް ވަނީ ނުވެފަ އެވެ. ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ނަންް ހާމަ ނުކުރަން އެދި ވާހަކަދެއްކި ފެނަކައިގެ މުވައްޒަފަކު ބުނީ ހަލާކުވެފައިވަނީ އެރަށުގައި ކަރަންޓު ދޭން ގެންގުޅޭ އެންމެ ބޮޑު އިންޖީނު (250 ކިލޯގެ އިންޖީނު) އާއި 160 ކިލޯގެ އިންޖީނު ކަމަށެވެ. އެދޭތީގެ ފިޔުލް ޕަމްޕު ފެއިލް ވެފައިވާ ކަމަށް އޭނާ ބުންޏެވެ. މިހާރު ކަރަންޓު ދޭން ހުރީ 128 ގެ އިންޖީނެއް ކަމަށާއި އޭގެން ކަރަންޓު ދެވެނީ ކޮންމެ ދެގަޑިއިރަކަށް ފަހަރަކު 40 ގެއަށް ކަމަށްވެސް އޭނާ ބުންޏެވެ. މަޑުއްވަރީގައި ޖުމްލަ 398 ގެ ހުރެ އެވެ. ހޫނު ގަދަކަމުންނާއި އަނދިރިކަމުން ކުޑަކުދިންނަށް ނުނިދޭތީ ކުދިންގެންގުޅޭ މީހުންވެސް ދަނީ ޝަކުވާ ކުރަމުންނެވެ. "ކުޑަކުދިންނަށް ނުވެސް ނިދޭ، މިދުވަސްކޮޅު އެހާ ހޫނު ވައިރޯޅިއެއްވެސް ނުޖެހޭ ދެން ވިސްނާ ކަރަންޓު ނެތީމާ ވާނެ ގޮތް" މަޑުއްވަރީން ވާހަކަދެއްކި މީހަކު ބުންޏެވެ. ކަރަންޓު ނެތުމުގެ ސަބަބުން ސުކޫލުގައި ކުދިންނަށް ކިޔަވައިދިނީވެސް ސުކޫލު ގޯތި ތެރޭގައިި އޮންނަ ގަސްތައް ދޮށަށް ނެރިގެން ކަމަށް އެ ރަށު ސުކޫލުގައި މަސައްކަތް ކުރާ ޓީޗަރަކު ބުންޏެވެ. 'ސަން'އާ ވާހަކަދައްކަމުން އެރަށުު ވިޔަފާރިވެރިއަކު ބުނީ ފްރިޖުގައި ވިއްކަން ބަހައްޓާފައި ހުރި ހުރިހާ އެއްޗެއްވެސް ފިނި ކެނޑި ހަލާކުވެފައިވާ ކަމަށެވެ. މަޑުއްވަރީން ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހީމް ވިދާޅުވި ގޮތުން އެ ރަށު އިންޖީނުގޭގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއް ހަލާކުވެފައި ވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ