ނަޝީދު މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އަޑު އެހުމެއް ބާއްވަނީ

ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުނާފްގެ މައްސަލައިގެ އަޑު އެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. ސުޕްރީމް ކޯޓުގެ އަޑު އެހުން ޝެޑިއުލްކޮށްފައި ވަނީ މިއަދު 3:00 ގައި ކުރިއަށް ގެންދާ ގޮތަށެވެ.ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް، ނަޝީދުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި
ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް ކުރިން ވަނީ ނަޝީދުގެ މައްސަލައާ
ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ޕްރޮސެކިއުޓާ
ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނަޝީދުގެ ހުކުމް
ދައުލަތުން އިސްތިއުނާފަށް ހުށަހެޅުމުން، އެއީ ނަޝީދުގެ ފަރާތުން
ހުށަހެޅޭނެ މައްސަލައެއް ކަމަށް ބުނެ ހައި ކޯޓުން އެ މައްސަލަ
ބަލައިނުގަތުމުންނެވެ. މި ދެ މައްސަލައިގެ ތެރެއިން ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދަނީ ކޮން މައްސަލައެެއް ކަން ސާފެއް ނުވެ އެވެ. މީގެ ކުރިން ވަނީ ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގެ އިޖުރާއީ އަޑު އެހުމެއް ބާއްވައިފަ އެވެ. ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދާއިރު އެމަނިކުފާނު ހުންނެވީ ބޭސްފަރުވާ އަށް އިނގިރޭސި ވިލާތުގަ އެވެ. މައިބަދައިގެ އޮޕަރޭޝަނަށް ނަޝީދަށް ސަރުކާރުން ދިނީ 30 ދުވަހެވެ. އެކަމަކު އެ މަނިކުފާނު އެދިވަޑައިގެންފި ނަމަ މުއްދަތު އިތުރުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ފަރުވާ އަށް ހަ މަސް ދުވަސް ނަގާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ