ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ހައި ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ މަސައްކަތް މަޑުޖައްސާލަން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
އެ ކޯޓުން މިދިޔަ ހޯމަ ދުވަހު އެގޮތަށް އަމުރުކޮށްފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމާ ބެހޭ އުސޫލު ބާތިލްކުރަން ވަކީލުންތަކެއް އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ އަމުރާ ގުޅިގެން ޖޭއެސްސީން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެއްސި ނަމަވެސް ކޯޓުގެ އަމުރާ ގުޅިގެން އެކަން މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އަދި އިންޓަވިއު ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރާއި ވަކީލް ހަސަން ފިޔާޒު ހުށަހެޅި އެ މައްސަލައިގައި އެދިފައިވަނީ ފަނޑިޔާރުން ނެގުމާ ގުޅޭގޮތުން ޖޭއެސްސީން އެކުލަވާލި އުސޫލު ބާތިލްކުރުމަށެވެ. އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ވެސް ހައި ކޯޓުން ވަނީ ކުރިން ނިންމާލައިފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ސިވިލް ކޯޓުގެ ގާޒީން ކަމަށްވާ އައިޝާ ޝުޖޫން މުހައްމަދާއި ހުސައިން މަޒީދާއި މަރިޔަމް ނިހާޔަތާއި އަބްދުﷲ ޖަމީލް މޫސާގެ އިތުރުން ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ ހަސަން އަލީ އަދި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ހުންނެވި އައިޝަތު ރިޒްނާ އެވެ.
ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާތީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ އެވެ.
ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ހައި ކޯޓުގައި ތިއްބަވާނީ ނުވަ ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ