އިންޓަނޭޝަނަލް އާބިޓްރޭޝަން ޓްރައިބިއުނަލަކުން ނިންމާފައިވާ ނިމުމެއް ތަންފީޒު ކުރަން ރާއްޖޭގެ ސިވިލް ކޯޓުން ފުރަތަމަ ފަހަރަށް މިއަދު އަމުރުކޮށްފި އެވެ.
އެ ކޯޓުން މިއަދު އަމުރުކުރީ ރާއްޖެއިން ބޭރުގެ ކުންފުންޏަކާއި ރާއްޖޭގެ ކުންފުންޏަކާ ދެމެދު އުފެދުނު މައްސަލައެއްގައި ކުއަލަމްޕޫރުގެ ރީޖަނަލް ސެންޓަ ފޯ އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމެއް ތަންފީޒު ކުރުމަށެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑާއި އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމާ ދެމެދު ޖެހުނު މައްސަލައިގައި އާބިޓްރޭޝަނުން ނިންމާފައިވަނީ 445،216.66 ޑޮލަރު ގަސްވެލި ކުންފުނިން ކޮންސްޓްރަކްޝަން ކޮންސޯޓިއަމަށް ދޭންޖެހޭނެ ކަމަށެވެ. އެ ނިންމުން ތަންފީޒު ކުރުމަށް ކޮންސްޓްރަކްޝަން ކޮންސޯޓިއަމުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ވަނީ އެ ފައިސާ ދޭން ގަސްވެލި ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ އާބިޓްރޭޝަނުން ދޭންޖެހޭނެ ކަމަށް ނިންމާފައިވާ ފައިސާ ބޭރުގެ ކުންފުންޏަށް ލިބި ދިނުމަށްޓަކައި ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށެވެ. އެގޮތަށް ނިންމީ ވެސް ގަސްވެލި ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިންގެ އެ ނިންމެވުމުގައިވާ ގޮތުން އާބިޓްރަލް އެވޯޑް ތަންފީޒު ކުރަން ހުށަހަޅަންޖެހެނީ ކޮން ކޯޓަކަށްކަން ގާނޫނުގައި ސާފުކޮށް ބުނެފައި ނެތެވެ. ނަމަވެސް އެފަދަ ނިންމުންތައް ތަންފީޒު ކުރަން ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް އާބިޓްރޭޝަން މައްސަލަތަކާ ގުޅޭގޮތުން ހައި ކޯޓުން ހަދާފައިވާ ގަވާއިދުގައި ބުނާ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އާބިޓްރަލް އެވޯޑުތައް ތަންފީޒު ކުރަންޖެހޭނީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެ ގަވާއިދުގައި ބުނާކަން ވެސް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ އެ އާބިޓްރަލް އެވޯޑުގެ މައްސަލައަކީ ސިވިލް ކޯޓުން ތަންފީޒު ކުރަންޖެހޭ އެވޯޑެއް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
އާބިޓްރޭޝަނެއްގެ ނިންމުން ތަންފީޒުކުރަން ސިވިލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ