ކާށިދޫ ދާއިރާގެ ބައި އިލެކްޝަން: ދެ ކޭމްޕްގެ މެދުގައި ހަމަނުޖެހުން އުފެދި މާރާމާރީ ހިންގައިފި

ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތި ލައްވާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރަށް ތާއީދު ކުރާ މީހުންނާއި އެ ދާއިރާ އަށް އެމްޑީޕީ އިން ކުރިމަތި ލައްވާފައިވާ އަހުމަދު ހަލީމްގެ ސަޕޯޓަރުންނާ ދެމެދު ރޭ ގާފަރުގައި ހަމަނުޖެހުންތަކެއް ހިނގައި ތަޅާ ފޮޅުމަކަށް ބަދަލުވެއްޖެ އެވެ.
ޖާބިރުގެ ކެމްޕައިން ޖަލްސާ ރޭ ފެއްޓި ވަގުތު ހަމަނުޖެހުން ފެށުނީ ޖަލްސާ ބޭއްވި ސަރައްހަދުގައި ހުރި އެމްޑީޕީގެ ޒުވާނުންގެ ޖަގަހައިން ލަވަ ޖަހައި ޖާބިރުގެ ޖަލްސާ އަށް ދަތިކުރި ކަމުގެ ތުހުމަތުގައި ޖާބިރުގެ ކޭމްޕްގެ ބަޔަކު ގޮސް ލަވަޖެހުން ހުއްޓާލުމަށް މަސައްކަތް ކުރުމުން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނަމަވެސް އެމްޑީޕީ ޖަގަހަ އިން ލަވަޖެހުން ހުއްޓާނުލުމުން ބައެއް މީހުން ހިތްހަމަނުޖެހިގެންގޮސް އެ ސަރައްދުގައި ދަމާފައި ހުރި އެމްޑީޕީގެ ދިދަތައް ނައްޓާލާފައިވާ އިރު އޭގެތެރެ އިން ޖާބިރުގެ ސަޕޯޓަރުންނާއި އެމްޑީޕީ ސަޕޯޓަރުނާ ދެމެދު އެމްޑީޕީ ޒުވާނުންގެ ޖަގަހަ ކުރިމަތީ ތަޅާ ފޮޅުން ހިނގާފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ރަށުގައި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ އިލެކްޝަނާ ގުޅިން ސިޔާސީ އެކި ފަރާތްތަކުގެ މެދުގައި ހިނގާ ހަމަ ނުޖެހުންތައް ކުޑަ ކުރުމަށް ފުލުހުން މަސައްކަތްކުރައްވާ ކަމަށެވެ. އަދި ކާށިދޫ ދާއިރާގައި ވެސް އިންތިހާބު ބާއްވާ ދުވަހާއި އޭގެ ކުރިން ވެސް ހަމަނުޖެންތައް ހިނގައިފާނެތީ އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެ ސަރައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ އިރު ޖަލްސާ ތެރެއިން ޖާބިރު ވަނީ އެމްޑީޕީ ޖަގަހަ ކުރިމަތީ ތަޅާ ފޮޅަމުން ދިޔަ މީހުންގެ ތެރެއިން އޭނާ އަށް ސަޕޯޓްކުރާ މީހުން ޖަލްސާތެރެއަށް އަނބުރާ ގެންދަވައިފަ އެވެ. އަދި ޖަލްސާގެ ވަކި ހިސާބަކުން އެމްޑީޕީން އިން ވެސް ވަނީ އެމީހުން ޖަހަމުން ދިޔަ ލަވަ ނިންވާލުމަށް ފަހު އެމްޑީޕީ ޖަގަހަ ސަރައްދުން ވެސް ގޮސްފަ އެވެ.
އެ މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވިއަސް، އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ޖާބިރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ލަވަ ޖަހާފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ކަނޑައަޅާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ