ޕީޕީއެމްގެ ޕީޖީ ގުރޫޕަށް، އެޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ލިބިގެން ނުވޭ - މައުމޫން

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ތެރޭގައި ހުޅުރޯވެފައިވާއިރު، އެ ޕާޓީ ހިންގުމާ ގުޅޭ އެއްވެސް ކަމެއް ކުރުމުގެ ބާރު އެ ޕާޓީގެ ޕީގީ ގުރޫޕަށް ލިބިފައި ނުވާކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެކަން ހާމަކޮށް، ރައީސް މައުމޫނާ ހަވާލާދީ އެޕާޓީގެ އޮފިޝަލް ޓުވީޓާރ އެކައުންޓު ކަމަށް ބުނާ ޓްވިޓަރ އެކައުންޓަކުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، "ޕީޕީއެމްގެ އެއްވެސް ކަމެއް ނިންމުމުގެ ބާރެއް ޕީޖީއަކަށް ނޯންނާނެ" ކަމަށާއި އެފަދަ ބާރެއް، "ޕީޕީއެމް އޮފީސް ނޫން އެހެން އޮފީހަކަށްވެސް ނޯންނާނެ" ކަމަށެވެ.
ދިގު 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫން މި ފަހަކަށް އައިސް ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގަވަމުން ގެންދަވާއިރު، އެމަނިކުފާނު ވަނީ ޕީޕީއެމް ގައި ވަކި ފެކްޝަނެއް އުފައްދަވާފައެވެ. އަދި، އެ ފެކްޝަނުން ޕީޕީއެމްގެ އޮފީހާއި މުދަލާއި ތަކެތި ބޭނުންކުރަމުން ދާއިރު، އަނެއްކޮޅުން ހަރަކާތްތެރިވަނީ ޕީޖީ ގުރޫޕެވެ. އެހެންކަމުން، ވެރިކަން ކުރާ ޕާޓީގެ ރަސްމީ އިދާރާއަކީ ކޮބައިކަން މިހާރު ރައްޔިތުންނަށް އޮޅިފައިވާއިރު، ރައީސް މައުމޫންގެ ފެކްޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާން ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން މައުމޫން ފެކްޝަނަށް އެކަން ހުށަހެޅުމަށް އިއުލާނުކޮށްފައެވެ.
އެހެންނަމަވެސް، ޕީޕީއެމްގެ ކައުންސިލުގެ މެޖޯރިޓީ ރައީސް މައުމޫނަށް ނޯންނާތީ، އެމަނިކުފާނު ޕާޓީގެ ނަމުގައި ކަންކަން ނިންމަވަމުން ގެންދަވަނީ އަމިއްލަ އަމިއްލައަށް ކަމަށްވާއިރު، ޕީޖީ ގުރޫޕުން ވަނީ ރައީސް މައުމޫން ފެކްޝަނުން ނެރޭ އިއުލާނަށް ތަބާވުމުގެ ބަދަލުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ކަންތައް ޕީޖީ ގުރޫޕުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިޔަށް ގެންދިއުމަށް އެ ޕާޓީގެ މެންބަރުންނަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ